ލ. މާވަށުގެ ބޯހިޔާވަހިކަމާއި އެހެނިހެން އިގްތިސާދީ ބޭނުންތަކަށް ހައްލެއް ހޯދައިދިނުމުގެ ގޮތުން ކުރިއަށްގެންދާ ބިން ހިއްކުމުގެ މަޝްރޫއުގެ 66 އިންސައްތަ މަސައްކަތް މިހާރު ވަނީ ނިމިފައެވެ.
ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންނެވި 15 ހެކްޓަރުގެ ބިން ހިއްކުމުގެ ވައުދުގެ އިތުރަށް، އަދި 15 ހެކްޓަރު އިތުރުކޮށް ޖުމްލަ 30 ހެކްޓަރުގެ ބިން ހިއްކުމަށް ސަރުކާރުން ވަނީ ނިންމަވާފައެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ މި މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ 15 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް މިހާރު ވަނީ ފުރިހަމަކޮށްފައެވެ.

މާވަށު ކައުންސިލްގެ ރައީސް އަހުމަދު މޫސާ މައުލޫމާތު ދެއްވި ގޮތުގައި، ބިން ހިއްކުމުގެ މަސައްކަތް ދަނީ ވަރަށް ބާރު ސްޕީޑެއްގައެވެ. އެގޮތުން، އެންމެ ފުން ސަރަހައްދުތަކަށް ވެލި އަޅައި ނިމިފައިވާއިރު، މިހާރު ހިއްކާފައިވާ ބިމުގެ ބޮޑުމިން އެ ރަށުގެ މީހުން ދިރިއުޅޭ ސަރަހައްދަށްވުރެ ވެސް ބޮޑެވެ. ޖުމްލަ 41 ހެކްޓަރުގެ މާވަށުގައި އަލަށް ހިއްކާ ބިން ހާއްސަކުރުމަށް ހަމަޖެހިފައިވަނީ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކަށާއި، ގޭދޮށުގައި ކުރުމުން އާންމުންގެ ޝަކުވާ ބޮޑުވާ ފައިބަރުގެ މަސައްކަތްތަކާއި މަސް ހިއްކުން ފަދަ ސިނާއީ މަސައްކަތްތަކަށެވެ. ބިން ހިއްކުމަށްފަހު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްވެސް ކުރިއަށްދާނީ އެމްޓީސީސީގެ ބެލުމުގެ ދަށުންނެވެ.
ކުރީގެ ސަރުކާރުން މާވަށުގެ ބިން ހިއްކައިދޭނެ ކަމަށް ވައުދުވި ނަމަވެސް އަމަލީ މަސައްކަތް ފަށާފައިނުވާކަން ފާހަގަކުރައްވަމުން، ކައުންސިލްގެ ރައީސް ވަނީ މި ސަރުކާރުން ރަށުގެ ތަރައްގީއަށް ކުރަމުންދާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ބިން ހިއްކުމުގެ އިތުރުން ފިޓްނެސް ސެންޓަރާއި، ޕޮލިސް ސްޓޭޝަނާއި، ހެލްތު ސެންޓަރުގެ އާ އިމާރާތާއި، ބޭންކު ބްރާންޗެއް ގާއިމުކުރުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މީގެއިތުރުން ރުފިޔާ އަދި ޑޮލަރު އޭޓީއެމް ބެހެއްޓުމާއި، އާ އެމްބިއުލަންސެއް ފޯރުކޮށްދިނުމުގެ އިތުރުން ކުޅިވަރު ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތްތައްވެސް ވަނީ ހަވާލުކޮށްފައެވެ.
މާވަށުގައި ތަރައްގީގެ މަޝްރޫއެއް ނުހިނގާ ކަމަށް ބުނެ މަޖިލިސް މެމްބަރު އަހުމަދު ޝާކިރު ދެއްކެވި ވާހަކަތައް ދޮގުކުރައްވަމުން ކައުންސިލްގެ ރައީސް ވިދާޅުވީ، ރަށުގައި އަމަލީ ގޮތުން މަޝްރޫއުތައް ހިނގަމުންދާކަން ރަށަށް ޒިޔާރަތްކުރުމުން ފެންނަން އޮންނާނެ ކަމަށެވެ.




