ބ. ތުޅާދޫގައި އިމާރާތް ކުރަމުންދާ ދެ ފަންގިފިލާގެ ސަގާފީ މަރުކަޒުގެ ތަނބުތައް އެޅުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
އެ ކުންފުނިން ހާމަކުރި ގޮތުގައި އިމާރާތުގެ ފޫޓިން ކާސްޓިންއާއި ޓައި ބީމްގެ މަސައްކަތްތައް މިހާރު ވަނީ މުޅިން ނިންމާލެވިފައެވެ. ޖުމްލަ 8،600 އަކަފޫޓުގެ ބޮޑު ސަރަހައްދެއްގައި ބިނާކުރާ މި ސެންޓަރުގައި މީހުން ދިރިއުޅޭ ބައިތަކުގެ އިތުރުން ކެފޭއަކާއި ހިތްފަސޭހަކޮށްލުމަށް ހާއްސަ ސަރަހައްދެއް ހިމެނޭނެއެވެ.
މި މަޝްރޫއަކީ ދިވެހިންގެ އުފެއްދުންތެރިކަން އިތުރުކޮށް، ސަގާފީ މަސައްކަތްތައް ދިރުވައި އާލާކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަސައްވުރުގެ ދަށުން ކުރިއަށްދާ މަސައްކަތެކެވެ.
އިގްތިސާދީ ވުޒާރާގެ ބެލުމުގެ ދަށުން މިދިޔަ އަހަރުގެ އޯގަސްޓް މަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ 420 ދުވަހުގެ ތެރޭގައި ނިންމާ ގޮތަށެވެ. 24.46 މިލިއަން ރުފިޔާގެ މި މަޝްރޫއު ނިމުމުން ތުޅާދޫގެ ސަގާފީ މަސައްކަތްތަކަށް ބޮޑު ދިރުމެއް ލިބިގެންދާނެއެވެ.



