އްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، 50 ކޮތަޅަށްވުރެ ގިނަ އަދަދަކަށް ޕްލާސްޓިކް ކޮތަޅު ހިމެނޭ ބޮނޑިތަކުން ދެ ރުފިޔާގެ ފީ ނެގުން އިސްތިސްނާވާ ގޮތަށް ކުނި މެނޭޖުކުރުމުގެ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލު ވަނީ ފާސްކޮށްފައެވެ.
ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ ޕީއެންސީ މެންބަރު އިބްރާހިމް ޝިފާޒު ހުށަހެޅުއްވި މި ބިލު ފާސްވީ، ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 70 މެންބަރުންގެ ތެރެއިން އިދިކޮޅު އެމްޑީޕީގެ މެންބަރުންނާއެކު ޖުމްލަ 64 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ.
ކުނި މެނޭޖުކުރުމުގެ ގާނޫނުގެ 32 ވަނަ މާއްދާގައިވާ ގޮތުން ވިޔަފާރި މުއާމަލާތްތަކުގައި ކަސްޓަމަރުންނަށް ދޫކުރާ ކޮންމެ ޕްލާސްޓިކް ކޮތަޅަކަށް 2 ރުފިޔާގެ ފީއެއް ނަގަންޖެހޭއިރު، ޑިއުޓީ ފްރީ ފިހާރަތަކުގެ ކޮތަޅާއި، ބަންދުނުކުރާ ތާޒާ މަސް އެޅުމަށް ބޭނުންކުރާ ކޮތަޅު އަދި ކުނި އެޅުމަށް ހާއްސަ ބިންލައިނަރުން މީގެ ކުރިންވެސް ފީއެއް ނުނަގައެވެ. މިއަދު ފާސްކުރި އިސްލާހާއެކު، 50 ކޮތަޅަށްވުރެ ގިނަ ކޮތަޅު ހިމެނޭ ބޮނޑިތައްވެސް މި އިސްލާހީ ލިސްޓަށް އިތުރުވެގެންދާނެއެވެ.
މި އިސްލާހުގެ މައިގަނޑު މަގުސަދަކީ ދެމެހެއްޓެނިވި އުސޫލަކުން ކުނި މެނޭޖުކުރުމުގެ ނިޒާމު ހިންގައި، ގާނޫނު ތަންފީޒުކުރުމުގައި ދިމާވާ ދަތިތަކަށް ހައްލު ހޯދައިދިނުމެވެ. އެގޮތުން، ރާއްޖެއަށް އެއްވެސް ބާވަތެއްގެ ކުނި އެތެރެކުރުން މަނާކޮށް ކުށެއްގެ ގޮތުގައި ކަނޑައެޅުމުގެ އިތުރުން، އިގުތިސޯދީ އަދި ސިނާއީ ސަރަހައްދުތަކުގައި ކުނި މެނޭޖުކުރުމުގެ ސިޔާސަތުތައް އެކުލަވާލުމާއި، ގައުމީ އަދި ސިޓީތަކުގެ މާސްޓަ ޕްލޭނާ އެއްގޮތަށް ނިޒާމުތައް ގާއިމުކުރުން މި ބިލުން ލާޒިމުކުރެއެވެ.
އަދި މީގެ އިތުރުން، ކުނި މެނޭޖުކުރާ މަރުކަޒުތަކާއި އެކަމަށް ބޭނުންކުރާ ވަސީލަތްތަކުގެ މިންގަނޑުތައް ކަނޑައެޅުމާ ގުޅޭ މުހިންމު އިސްލާހުތަކެއްވެސް ބިލުގައި ހިމެނެއެވެ. ފިހާރަތަކުން ދޫކުރާ ޕްލާސްޓިކް ކޮތަޅުން އަގު ނެގުން ލާޒިމްކުރާ ގާނޫނު އެންމެ ފުރަތަމަ ފާސްކޮށްފައިވަނީ 18 ޑިސެމްބަރު 2020 ގައެވެ. ސަރުކާރުން އުންމީދުކުރަނީ މި އިސްލާހުތަކުގެ ސަބަބުން ތަންފީޒީ ދަތިތަކަށް ހައްލުލިބި، ރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތްތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ ކަމަށެވެ.



