މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މާލޭ ސިޓީ ކައުންސިލުން ހާމަކުރި ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރު އެ ކައުންސިލުން ބޭއްވި ރައްޔިތުންގެ ދެ ބައްދަލުވުމަށް ޖުމްލަ 1.15 މިލިއަން ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ.
އެގޮތުން، ފެބްރުއަރީ މަހު ބޭއްވި ބައްދަލުވުމަށް 567,839.34 ރުފިޔާ ޚަރަދުވެފައިވާއިރު، ޖުލައި މަހުގެ ބައްދަލުވުމަށް 585,137.34 ރުފިޔާ ވަނީ ޚަރަދުވެފައެވެ. ދެތިން ގަޑިއިރަށް ކުރިއަށްދިޔަ މި ބައްދަލުވުންތަކުގެ އެންމެ ބޮޑު ހޭދައެއް ގޮސްފައިވަނީ އިވެންޓް މެނޭޖުމަންޓަށް (ކޮންމެ ބައްދަލުވުމަކަށް 360,000ރ.) އާއި ވީޑިއޯ ޕްރެޒެންޓޭޝަން ތައްޔާރުކުރުމަށެވެ. މީގެއިތުރުން ޓީވީ ލައިވްކުރުމަށާއި، ބެނާ އަދި ފޮތް ޕްރިންޓްކުރުމަށްވެސް ބޮޑެތި ޚަރަދުތަކެއް ކޮށްފައިވެއެވެ.
ޤާނޫނުގައިވާ ގޮތުން ކޮންމެ އަހަރަކު ދެ ފަހަރު ރައްޔިތުންނާއެކު ބައްދަލުވުން ބާއްވައި، ރައްޔިތުންގެ ޚިޔާލާއި މަޝްވަރާ ކައުންސިލުން ހޯދަންޖެހެއެވެ. ފެބްރުއަރީ މަހު ބައްދަލުވުން ބޭއްވިއިރު ކައުންސިލުގެ ސާފު އަޣުލަބިއްޔަތު އޮތީ ވެރިކަންކުރާ ޕީއެންސީއަށް ކަމަށްވީ ނަމަވެސް، މިހާރު ހިނގަމުންދާ 5 ވަނަ ދައުރުގެ ކައުންސިލުގެ ސާފު އަޣުލަބިއްޔަތު އޮތީ އިދިކޮޅު އެމްޑީޕީގައެވެ.





