ވެހިރާއްޖެއަށް ބޭނުންވާ ކަރަންޓާއި ފެނުގެ ހިދުމަތް އެއްވެސް މެދުކެނޑުމެއްނެތި ފޯރުކޮށްދިނުމުގެ މަގުފަހިކުރުމުގެ ގޮތުން، އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އާއި ދިވެހި ސަރުކާރާ ދެމެދު 50 މިލިއަން ޑޮލަރުގެ ކޮންސެޝަނަލް ލޯން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
"އެނާޖީ ސެކިއުރިޓީ އެމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް" ނަމުގައި ދޫކުރި މި ލޯނުގެ އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު ސޮއިކުރެއްވިއިރު، އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޝިމާދު އިބްރާހިމެވެ. އަދި އޭޑީބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ރީޖަނަލް ކޯޕަރޭޝަން އެންޑް އިންޓިގްރޭޝަން ޔުނިޓުގެ ހެޑް، ޑރ. ތިއަމް ހީ އަންގްއެވެ.
ފިނޭންސް މިނިސްޓްރީން މަޢުލޫމާތު ދެއްވި ގޮތުގައި، މެދުއިރުމަތީގެ ހަމަނުޖެހުންތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، ތެޔޮ އިމްޕޯޓުކުރުމަށް ދައުލަތުން ކުރަންޖެހޭ ހަރަދު ބޮޑުވެފައިވާ މި ދަނޑިވަޅުގައި މި ފެސިލިޓީގެ ސަބަބުން ބަޖެޓަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.
މިއީ މަލްޓިލެޓަރަލް ބޭންކުތައް މެދުވެރިކޮށް ލުއި ގޮތްތަކެއްގައި ފައިނޭންސިން ހޯދުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން ހަމަޖެހުނު އެހީއެއްކަމުން، މީގެ ސަބަބުން ރާއްޖޭގެ ދަރަނި ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެއެވެ.



