ޝިއާއު މުޙައްމަދު ސަޢީދު އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވާ ފެނުނު މައްސަލައިގައި ފ. ނިލަންދޫ ފިނިފެންމާގޭ އަލީ ޝާހިލްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑު އެހުންތައް، ކްރިމިނަލް ކޯޓުން ނިންމާލައިފިއެވެ.
އޯގަސްޓް 6، 2022 ގެ ރޭ މާލޭގެ ހ. ޝީރީންވިލާގެ ނުވަވަނަ ފްލޯގެ އެޕާޓްމަންޓެއްގެ ތެރޭގައި ފުވައްމުލަކަށް ނިސްބަތްވާ އުމުރުން 22 އަހަރުގެ ޝިއާއު މުޙައްމަދު ސަޢީދު އަނިޔާވެރި ގޮތަކަށް މަރާލި މައްސަލައިގައި، ފ. ނިލަންދޫ، ފިނިފެންމާގޭ އަލީ ޝާހިލްގެ މައްޗަށް އުފުލާފައިވާ ދައުވާތަކުގެ އަޑުއެހުންތައް ކްރިމިނަލް ކޯޓުން މިހާރު ވަނީ އެއްކޮށް ނިންމާލާފައެވެ.
ސިއްރުކޮށްގެން ކުރިއަށްގެންދިޔަ މި ޝަރިއަތުގައި ޝާހިލްގެ މައްޗަށް ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާގެ އިތުރުން ޖުމްލަ ފަސް ދައުވާއެއް އުފުލާފައިވެއެވެ. މައްސަލައިގެ ހުލާސާ ބަޔާން އިއްވައި ނިމިފައިވާތީ، ދެން އޮންނާނީ ކުށް ސާބިތުވޭތޯ ނިންމުމާއި، ކުށް ސާބިތުވެއްޖެނަމަ އަދަބު ކަނޑައެޅުމުގެ ބައެވެ.
މަސްތުގެ ހާލަތުގައި ހުއްޓައި ކުށުގެ ވެށިން ހައްޔަރުކުރި ޝާހިލް ޝަރިއަތް ނިމެންދެން ބަންދުކޮށްފައިވާއިރު، ޝިއާއު މަރާލުމަށްފަހުވެސް އޭނާގެ ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ދީ ބުރިބުރިކޮށްލާފައިވާކަން ޕޯސްޓްމޯޓަމް ރިޕޯޓުން ވަނީ ހާމަވެފައެވެ. މައްސަލައިގެ ތަހުގީގަށާއި ޝަރިއަތަށްވެސް ޝާހިލްގެ ފަރާތުން އެއްވެސް އެއްބާރުލުމެއް ލިބިފައިނުވާ އިރު، އޭނާ ވަކީލުންނާވެސް ވާހަކަ ނުދައްކާތީ ފަހުން މައްސަލަ ކުރިއަށްގެންގޮސްފައިވަނީ ވަކީލަކާ ނުލައެވެ.
މި މައްސަލައިގެ އިތުރުން، އޭނާގެ މައްޗަށް އުފުލި ކެނަބިސް ބޭނުންކުރުމާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާ ސާބިތުވެ، ތިން އަހަރާއި މަހެއްހާ ދުވަހުގެ ޖަލު ހުކުމެއްވެސް ކޯޓުން ވަނީ އިއްވާފައެވެ.




