އިނގިރޭސިވިލާތަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުކަމަށް ޖަމީލާ އަލީ ހާލިދު އައްޔަންކުރުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ މަޝްވަރާއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ފޮނުއްވާފައެވެ.
ފޮރިން ސާވިސްގެ ގާނޫނުގެ 14 ވަނަ މާއްދާއާ އެއްގޮތަށް ރައީސް ފޮނުއްވި ސިޓީފުޅާ ގުޅިގެން، މިއަދުގެ މަޖިލީހުގެ ރިޔާސަތުން ވަނީ އެ މައްސަލަ އިތުރަށް ދިރާސާކުރުމަށްޓަކައި ހާރިޖީ ގުޅުންތަކުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.
ޖަމީލާ އަލީ ހާލިދަކީ ދިވެހި ދައުލަތަށް ގިނަ ދުވަސްތަކެއް ވަންދެން އަގުހުރި ހިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ތައުލީމީ ދާއިރާގައި 29 އަހަރު މަސައްކަތް ކުރެއްވުމުގެ އިތުރުން، ސިވިލް ސާވިސް ކޮމިޝަންގެ މެމްބަރުކަން 4 އަހަރު ކުރެއްވިއެވެ. އަދި ޖަރުމަނުވިލާތުގައި ހުންނަވާ ދިވެހި ސަފީރުގެ މަގާމު 2 އަހަރު ދުވަހު ފުރައްވާފައިވާއިރު، ޕާޓްޓައިމްކޮށް ޓީވީއެމްގައި 20 އަހަރު ވަންދެން މަސައްކަތް ކުރައްވާފައިވެއެވެ.



