ސައުތު ޕޮލިސް އާއި ސައުތު ސެންޓްރަލް ޕޮލިސްގެ އޮފިސަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދިޔަ "ބްލޫސް ރީޓްރެއިނިންގ ޕްރޮގްރާމް" ގެ ހަތަރު ވަނަ ބުރު ނިންމައި، ދަސްވެނިވުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.
މި މަހުގެ 13 ވަނަ ދުވަހު ދ. ވާނީގައި ހުންނަ ނެޝަނަލް ކޮލެޖް އޮފް ޕޮލިސިންގ އެންޑް ލޯ އެންފޯސްމަންޓް (އެންސީޕީއެލްއީ) ކެމްޕަހުގައި ބޭއްވި މި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހެޑް އޮފް ސަދަން ޕޮލިސް، އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ރަޝީދެވެ.
މި ތަމްރީނު ޕްރޮގްރާމަކީ ޒަމާނީ ފުލުހުންގެ ޚިދުމަތަށް އަންނަ ބަދަލުތަކަށް އޮފިސަރުން އަހުލުވެރިކުރުވައި، އެ ފަރާތްތަކުގެ ޢިލްމީ ޤާބިލުކަމާއި، ސުލޫކީ މިންގަނޑުތަކާއި، ލީޑަރޝިޕް އަދި އޮޕަރޭޝަނަލް ހުނަރުތައް އިތުރުކުރުމުގެ މަޤްޞަދުގައި ކުރިއަށްގެންދިޔަ ޕްރޮގްރާމެކެވެ. ފުލުހުންގެ ޚިދުމަތުން މަޢުލޫމާތު ދެއްވި ގޮތުގައި، މި ތަމްރީނުތަކުގައި ތިއަރީ ސެޝަންތަކުގެ އިތުރުން އަމަލީ ތަމްރީނުތަކާއި، ތަފާތު ސިނާރިއޯތަކަށް ބިނާކޮށް ކުރިއަށްގެންދިޔަ ހަރަކާތްތަކާއި ކޭސް ސްޓަޑީޒް މެދުވެރިކޮށް، ރައްޔިތުންނާ ގާތުން ޒިންމާދާރުކަމާއެކު ޚިދުމަތް ދިނުމަށް ބޭނުންވާ މުހިންމު ހުނަރުތައް ވަނީ އުނގަންނައިދީފައެވެ.
މި ޕްރޮގްރާމުގެ ތެރޭގައި މައިގަނޑު ގޮތެއްގައި އުނގަންނައިދީފައިވާ ބައިތަކުގެ ތެރޭގައި ސުލޫކީ މިންގަނޑުތަކާއި، ޑިޖިޓަލް ޓްރާންސްފޮމޭޝަން އަދި އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އާއި، އޮޕަރޭޝަނަލް ޕޮލިސިންގ، ސީނާރިއޯ ބޭސްޑް ޓްރެއިނިންގ، ކޭސް ސްޓަޑީޒް އަދި ޓީމް ބިލްޑިންގ ހަރަކާތްތައް ހިމެނެއެވެ.
"ބްލޫސް ރީޓްރެއިނިންގ ޕްރޮގްރާމް" ގެ މި ބުރުގައި ޖުމްލަ 328 ފުލުހުން ތަމްރީނު ފުރިހަމަކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ 306 ފިރިހެން އޮފިސަރުންނާއި 22 އަންހެން އޮފިސަރުންނެވެ.



