ޤައުމީ ދުވަހުގެ ރަސްމީ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު ހއ. އުތީމަށް ވަޑައިގަތުމުން އެ ރަށުން ވަނީ ހޫނު މަރުޙަބާއެއް ދަންނަވައިފައެވެ.
މި ދަތުރުފުޅުގައި މިއަދު ހެނދުނު 10:00 ގައި ބާއްވާ ޤައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ޖަލްސާގައި ޝަރަފުވެރިކަމުގެ ޤައުމީ އިނާމު (3 ބޭފުޅަކަށާއި ޖަމުޢިއްޔާއަކަށް) އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު (7 ބޭފުޅަކަށާއި ކުންފުންޏަކަށް) ދެއްވުމުގެ އިތުރުން، އެއް ބޭފުޅެއްގެ ހަނދާނަށް ޚިދުމަތުގެ ޤައުމީ އިނާމު އެރުވުމަށް ވަނީ ނިންމަވައިފައެވެ.
މި ދަތުރުފުޅުގެ ތެރެއިން އުތީމުގައި ތަރައްޤީކޮށްފައިވާ ބޮޑުތަކުރުފާނުގެ ހަނދާނީ ދޮރާއްޓާއި، އެ މަނިކުފާނުގެ ޤައުމީ ޖިހާދުގެ ވާހަކަ ބުނެދޭ "ވާހަކަ ވައު" ރައީސުލްޖުމްހޫރިއްޔާ ހުޅުއްވައިދެއްވާނެއެވެ. އިއްޔެއިން ފެށިގެން އުތީމުގައި ޤައުމީ ދުވަހުގެ ހަރަކާތްތައް ފަށާފައިވާއިރު، އިއްޔެ ވަނީ ދިދަ ނެގުމުގެ ރަސްމިއްޔާތުގެ އިތުރުން ހަވާ އަރުވައިފައެވެ. ދިވެހިރާއްޖޭގެ ޤައުމީ ދުވަސް ކޮންމެ އަހަރެއްގެ ރަބީޢުލްއައްވަލް މަހުގެ 1 ވަނަ ދުވަހު ފާހަގަކުރަނީ، ޕޯޗުގީޒުންގެ އަޅުވެތިކަމުން ރާއްޖެ ސަލާމަތްކޮށްދެއްވި އައްސުލްޠާނުލްޣާޒީ މުޙައްމަދު ތަކުރުފާނުލް އަޢުޡަމް (ބޮޑުތަކުރުފާނު) ގެ ޤައުމީ ޖިހާދުގެ ޒިކުރާ އައުކުރުމުގެ ގޮތުންނެވެ.





