އަހަރުގެ ގައުމީ ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާ މާދަމާ ހެނދުނު 10:00 ގައި ހއ. އުތީމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.
މިދިޔަ އަހަރެކޭވެސް އެއްފަދައިން އުތީމުގައި ބާއްވާ މި ހާއްސަ ޖަލްސާގައި، މި އަހަރުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމާއި، ހިތްވަރު ދިނުމުގެ ގައުމީ އިނާމު އަދި ހިދުމަތުގެ ގައުމީ އިނާމު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ދެއްވުމަށް ވަނީ ހަމަޖެހިފައެވެ.
ގައުމީ އިނާމާބެހޭ ކޮމިޓީން އިނާމުތަކަށް ބޭފުޅުން ހޮއްވަވާފައިވާއިރު، ޝަރަފުވެރިކަމުގެ ގައުމީ އިނާމު ލިބޭ ބޭފުޅުންނަށް ޝަރަފުގެ އައްޑަނައާއި ބެޖު އަދި ހަނދާނީ ލިޔުން އެރުވޭނެއެވެ. އަދި ހިތްވަރު ދިނުމުގެ އިނާމު ލިބޭ ފަރާތްތަކަށް ހަނދާނީ ފިލައާއި ހަނދާނީ ލިޔުން ހަވާލުކުރެވޭނެއެވެ.
މި އަހަރުގެ ޝަރަފުވެރިކަމުގެ ގައުމީ އިނާމު ތިން ބޭފުޅަކަށާއި ޖަމުއިއްޔާއަކަށް ލިބިވަޑައިގަންނަވާއިރު، ހިތްވަރު ދިނުމުގެ ގައުމީ އިނާމު ހަތް ބޭފުޅަކަށާއި އެއް ކުންފުންޏަކަށް ދެއްވުމަށް ވަނީ ނިންމަވާފައެވެ.
މީގެއިތުރުން، ހިދުމަތުގެ ގައުމީ އިނާމު އެއް ބޭފުޅެއްގެ ހަނދާނަށް އެރުވުމަށްވެސް ވަނީ ހަމަޖެހިފައެވެ. ގައުމީ ދުވަހަކީ ޕޯޗުގީޒުންގެ އަޅުވެތިކަމުގައި 15 ވަރަކަށް އަހަރު ތިބުމަށްފަހު ދިވެހިރާއްޖެއަށް މިނިވަންކަން ލިބުމުގެ ހަނދާން އާކުރާ ދުވަހަށްވާއިރު، ކޮންމެ ހިޖުރީ އަހަރެއްގެ ރަބީއުލްއައްވަލް މަހުގެ 1 ވަނަ ދުވަސް ފާހަގަކުރަނީ ގައުމީ ދުވަހުގެ ގޮތުގައެވެ.




