ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ބޮޑު މަޝްރޫއުގެ ދަށުން އެމްޓީސީސީން މަސްވެރިންގެ ޕާކު ސަރަހައްދުގައި ގާއިމުކުރި ފުރަތަމަ ޕަމްޕް ސްޓޭޝަންގެ މަސައްކަތް ނިންމައި ބޭނުންކުރަން ފަށައިފިއެވެ.
އެމްޓީސީސީން މަޢުލޫމާތު ދެއްވާގޮތުގައި އިއްޔެ ހުޅުވި މި ޕަމްޕް ސްޓޭޝަނުގެ އިތުރުން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ސަރަހައްދުގައި ހަދާ ޕަމްޕް ސްޓޭޝަންގެ މަސައްކަތްވެސް ނިމި، މާދަމާ ހުޅުވުމަށް ވަނީ ހަމަޖެހިފައެވެ. މި ޕަމްޕް ސްޓޭޝަންތަކާއެކު ބޯކޮށް ވާރޭވެހޭ ވަގުތުތަކުގައި އެ ސަރަހައްދުގެ މަގުތަކުގައި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ފެންހިންދުމުގެ ނިޒާމު މީގެ ކުރިއަށްވުރެ ބޮޑަށް ހަރުދަނާވެގެންދާނެއެވެ.

ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ބައި މިދިޔަ ޖުލައި މަހުގެ 24 ގައި ހުޅުވާލާފައިވާއިރު، މި މަޝްރޫއުގެ ދަށުން ހުޅުމާލެ ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހިސާބަށް ވަނީ ޒަމާނީ ފެންވަރަށް ތަރައްގީކޮށްފައެވެ. އެގޮތުން އެމްއެމްއޭއިން ފެށިގެން ނޯތު ހާބަރާ ހަމައަށް ތާރުއަޅައިގެން މަގު ހަދާފައިވާއިރު، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ކުރިމަތިން ފަޅުތެރެއިން ބައެއް ހިއްކައިގެން 500 ސައިކަލަށް ޕާކުކުރެވޭނެ ބޮޑު ޖާގައެއްވެސް ވަނީ ތަނަވަސްކޮށްދީފައެވެ.

ސަރުކާރުގެ މުސްތަގުބަލުގެ ރޭވުންތަކަށް ބަލާއިރު، ނޯތު ހާބަރުން ފެށިގެން ވެސްޓްޕާކާ ހަމައަށް ބޮޑުތަކުރުފާނު މަގު ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ވަނީ ނިންމާފައެވެ. މީގެއިތުރުން، ކުރިއަށްއޮތް އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައި މާލޭގެ ވިޔަފާރި ބަނދަރު ތިލަފުއްޓަށް ބަދަލުކުރުމުގެ ބޮޑު މަޝްރޫއު ފުރިހަމަކުރުމަށްވެސް ވަނީ ތާވަލުކުރެވިފައެވެ.



