ރާއްޖޭގެ އެކި ކަންކޮޅުތަކުގައި މިހާރު ވެސް ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ހިނގަމުންދާއިރު، މި އަހަރު ނިމެންވާއިރަށް އޭގެތެރެއިން ބައެއް މަޝްރޫއުތައް ފުރިހަމަވެ، އަންނަ އަހަރަކީ އެންމެ ގިނަ މަޝްރޫއުތައް ނިންމާލެވޭނެ އަހަރަށް ވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުން ސިލްސިލާކޮށް ގެނެސްދޭ "ދަ ޕަލްސް" ޕްރޮގްރާމުގެ ހަ ވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، އިގްތިސާދީ ގޮތުން ކުރިމަތިވި ގޮންޖެހުންތަކާ ހުރެ ބައެއް މަޝްރޫއުތައް މަޑުޖެހިފައިވީ ނަމަވެސް، ކައިރި މުސްތަގުބަލެއްގައި އެ މަޝްރޫއުތަކުގެ އަމަލީ މަސައްކަތް އަލުން ފެށި، ވަރަށް ބާރު ސްޕީޑެއްގައި ކުރިއަށްދާނެ ކަމަށެވެ. އަދި ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތަކަކީ ވަކި ތާވަލަކަށް (ޝެޑިއުލްއަކަށް) ބަހާލައިގެން ތާވަލުކުރެވިގެން ހިންގާ މަސައްކަތްތަކެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"މިސާލަކަށް ތައުލީމީ ދާއިރާގެ މަޝްރޫއުތައް ވަކި ޝެޑިއުލްއެއްގައި. ސިއްހީ ދާއިރާގެ ހުރިހާ މަޝްރޫއުތަކެއް ވަކި ޝެޑިއުލްއެއްގައި، މިހެން ގޮސް އުމްރާނީ ތަރައްގީގެ އެކި މަޝްރޫއު، މިސްކިތްތައް، ބަނދަރު، މަގު ހެދުން، އެކި ކަހަލަ ދާއިރާތައް މިހާރު ހުންނާނީ އެކި ޝެޑިއުލްތަކަށް ތާވަލްކޮށްފައި،" ރައީސް ވިދާޅުވިއެވެ.
އޭގެއިތުރުން، މި އަހަރުގެ ތެރޭގައި ވެސް ބައެއް މަޝްރޫއުތައް ނިމި، 2027 ވަނަ އަހަރަކީ ޖުމްލަކޮށް ބަލާއިރު އެންމެ ގިނަ އަދަދަކަށް މަޝްރޫއުތައް ނިންމާލެވޭނެ އަހަރަށް ހެދުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށާއި، 2028 ވަނަ އަހަރަކީވެސް އިތުރު މަޝްރޫއުތައް ނިމި ކުރިއަށްދާނެ އަހަރެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، މެދު އަދި ދުރުރާސްތާގެ ދެމެހެއްޓެނިވި ތަރައްގީގެ ސިޔާސަތެއް ތަންފީޒުކުރި ނަމަވެސް، ކޮންމެ ރައްޔިތަކީވެސް ހަމަހަމަ ރައްޔިތެއް ކަމަށާއި، ކޮންމެ ރަށެއްގައިވެސް ލިބެންޖެހޭ އަސާސީ ހިދުމަތްތައް ފޯރުކޮށްދިނުމަކީ ސަރުކާރުގެ މަސްއޫލިއްޔަތެއް ކަމަށެވެ. އެގޮތުން ކުޅިވަރުގެ ދާއިރާއާއި، ތައުލީމީ ދާއިރާ، ބޭންކިން، ފެނާއި ނަރުދަމާ، ކުނި މެނޭޖްކުރުން އަދި ކުޑަކުދިންގެ ޕާކު ފަދަ އަސާސީ ކަންކަން މި ދައުރުގެ ތެރޭގައި ކޮންމެ ރަށެއްގައި ގާއިމުކޮށްދެއްވާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސްގެ ވާހަކަފުޅު ނިންމަވާލައްވަމުން ފާހަގަކުރެއްވީ، އެކި ސަރަހައްދުތަކުގައި އެއާޕޯޓްތަކާއި، ހޮސްޕިޓަލްތަކާއި، ސްކޫލްތައް ގާއިމުކޮށްގެން ރަށްރަށުގައި ދެމެހެއްޓެނިވި ތަރައްގީ ހާސިލުކުރެވިގެން ދިއުމަކީ، މާލެއަށް ކުރިމަތިވެފައިވާ ތޮއްޖެހުމުގެ މައްސަލައަށްވެސް އެދެވޭ ހައްލެއް ލިބިގެންދާނެ ކަމެއް ކަމަށެވެ.




