ރާއްޖޭގެ 71 ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމުގެ މަޝްރޫއަށް ބޭނުންވާ ތަކެތި، ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެ ރަށްރަށަށް ފޮނުވުމުގެ މަސައްކަތް ފަށައިފިއެވެ.
މިކަން ހާމަކޮށް އެޗްޑީސީން އިއްޔެ "އެކްސް" ގައި ކުރި ޕޯސްޓެއްގައި ބުނީ، މިއީ ސަރުކާރުގެ ޕަބްލިކް ސެކްޓަރ އިންވެސްޓްމަންޓް ޕްރޮގްރާމް (ޕީއެސްއައިޕީ) ގެ ދަށުން އެ ކޯޕަރޭޝަނާ ހަވާލުކޮށްގެން ކުރިއަށްދާ މަޝްރޫއެއް ކަމަށެވެ.
އެޗްޑީސީން މައުލޫމާތު ދޭ ގޮތުގައި، މިއަހަރުގެ ނިޔަލަށް ހުރިހާ ރަށެއްގައި އައުޓްޑޯ ޖިމް ގާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ ހާއްސަ މަސައްކަތުގެ ތެރެއިން، އެ ކުންފުންޏާ ހަވާލުކުރެވުނު 71 ރަށުގެ އަމަލީ މަސައްކަތް މިހާރު ވަނީ ފެށިފައެވެ. އަދި އެ ހުރިހާ ރަށެއްގައިވެސް މަސައްކަތްތައް ހުއްޓުމެއްނެތި ކުރިއަށްދާކަން އެޗްޑީސީން ވަނީ ފާހަގަކޮށްފައެވެ.
މި މަޝްރޫއަކީ 2026 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށުގައި އައުޓްޑޯ ޖިމްތައް ގާއިމުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅެކެވެ. މި ވަޢުދު ފުރިހަމައަށް ފުއްދުމަށްޓަކައި ކަމާބެހޭ ސަރުކާރުގެ އިދާރާތަކާއި ކުންފުނިތަކުން ގުޅިގެން ދަނީ އަވަސް މުއްދަތެއްގެ ތެރޭގައި މަސައްކަތްތައް ނިންމުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.



