މިއަހަރުގެ ޤައުމީ ދުވަހުގެ ރަސްމީ ޙަރަކާތްތައް ހއ. އުތީމާއި ހއ. ބާރަށުގައި ބޭއްވުމަށް ހަމަޖެހިފައިވުމާ ގުޅިގެން، އެ ޙަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށާއި އެކަމަށް ވަމުންދާ ތައްޔާރީތައް ބައްލަވައިލެއްވުމަށް ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރުޑީސީ) ގެ މެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ނަޡީމްއާއި ކުންފުނީގެ އިސްވެރިން ދަތުރުފުޅެއް ފައްޓަވައިފިއެވެ.
މި ދަތުރުފުޅުގެ ތެރެއިން އާރުޑީސީ ގެ މެނޭޖިންގ ޑައިރެކްޓަރ އަދި އިސް އޮފިޝަލުންގެ ޓީމުން ވަނީ ހއ. ބާރަށު ސައިޓަށް ޒިޔާރަތްކުރައްވައި، އެ ރަށުގައި ކުރިއަށްދާ މަސައްކަތްތައް ހިނގަމުންދާ ގޮތް ވަނީ ތަފްޞީލުކޮށް ބައްލަވާލައްވާފައެވެ.

ޤައުމީ ދުވަހުގެ ރަސްމީ އިޙްތިފާލުތަކާ ގުޅުވައިގެން އާރުޑީސީ އިން އަންނަނީ ހއ. އުތީމާއި ބާރަށުގެ ތަރައްޤީއާއި ރީތިކަމަށް އަމާޒުކޮށްގެން ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
އެގޮތުން، ޤައުމީ ދުވަހުގެ ޙަރަކާތްތަކަށް ސަރުކާރުން ވަމުންދާ ތައްޔާރީތަކުގެ ދަށުން، އެ ދެ ރަށުގެ މަގުތައް މަރާމާތުކޮށް ތާރީޚީ ސައިޓުތަކާއި ޢާންމު ސަރަޙައްދުތައް ސާފުކޮށް، ޒީނަތްތެރިކުރުމުގެ މަސައްކަތްތަކުގައި އާރުޑީސީ އިން ޢަމަލީގޮތުން ބައިވެރިވަމުންދެއެވެ.

މީގެ އިތުރުން ރަސްމީ ޖަލްސާތަކާއި އިވެންޓްތައް ބޭއްވުމަށް ބޭނުންވާ ޢުމްރާނީ ތައްޔާރީތަކާއި ސައިޓުތައް ތައްޔާރުކުރުމުގެ މަސައްކަތްތައްވެސް އެ ކުންފުނިން ދަނީ ކުރިއަށްގެންދަމުންނެވެ.
އާރުޑީސ ީމެނޭޖިންގ ޑައިރެކްޓަރ އިބްރާހީމް ނަޡީމް ވިދާޅުވި ގޮތުގައި، ޤައުމީ ދުވަހުގެ ފާހަގަކުރުންތަކަށް އެ ދެ ރަށް ފުރިހަމައަށް ތައްޔާރުކުރުމަކީ ކުންފުނިން ނުހަނު އިސްކަމެއްދީގެން ކުރަމުންދާ މަސައްކަތެކެވެ.

ސައިޓުގެ މަސައްކަތްތައް ބައްލަވާލެއްވުމަށްފަހު، ކަނޑައެޅިފައިވާ ޝެޑިއުލާ އެއްގޮތަށް މަސައްކަތްތައް ނިންމުމަށާއި، ޤައުމީ ދުވަހުގެ ޙަރަކާތްތައް އެންމެ ފުރިހަމައަށް ކުރިއަށްގެންދިއުމަށްޓަކައި އާރުޑީސ ގެ ޓީމުން ބޭނުންވާ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދެމުންދާނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.



