ދައުލަތުގެ އިދާރާތަކުގެ ހިންގުމުގެ ދާއިރާގައި ތިއްބެވި އިސް މުވައްޒަފުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ "އިސް މުވައްޒަފުންގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ޕްރޮގްރާމް 2025-2027" ގެ ފަސްވަނަ ސެޝަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ބާއްވައިފިއެވެ.
ދިވެހިރާއްޖޭގެ ޤައުމީ ޔުނިވަރސިޓީގެ މައި އޮޑިޓޯރިއަމްގައި ކުރިއަށްދިޔަ މި ސެޝަންގައި ސަރުކާރުގެ އެކި ވުޒާރާތަކާއި އިދާރާތަކުން ގިނަ އަދަދެއްގެ އިސް މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.

މިއަދުގެ ސެޝަންގައި މަޢުލޫމާތު ދެއްވާފައިވަނީ ވިޔަފާރިއާއި، ލީޑަރޝިޕް އަދި އިޖުތިމާޢީ ދާއިރާއިން 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ މުޙައްމަދު ކަލީމެވެ.
މައިގަނޑު ގޮތެއްގައި މި ސެޝަންގައި އަލިއަޅުވާލައްވާފައިވަނީ އިދާރާތައް ހިންގުމުގައި ކުރިމަތިވާ ތަފާތު ގޮންޖެހުންތަކުން އަރައިގަންނާނެ ގޮތްތަކާއި، އެފަދަ ކަންކަމާ ހިކުމަތްތެރިކަމާއެކު ކުރިމަތިލާނެ އުޞޫލުތަކުގެ މައްޗަށެވެ.
ދެ އަހަރު ދުވަހުގެ މުއްދަތަށް ރޭވިގެން ކުރިއަށްދާ މި ޕްރޮގްރާމަކީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕޮލިޓިކަލް އެންޑް ޕާލިމެންޓަރީ އެފެއަރޒްގެ ޕޮލިޓިކަލް އެޕޮއިންޓީޒް ޕަރފޯމަންސް މެނޭޖްމަންޓް އެންޑް ކެޕޭސިޓީ ޑިވެލޮޕްމެންޓް ސެކްޝަނުން އިސްނަގައިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.
މި ޕްރޮގްރާމް ކުރިއަށްދަނީ ސިވިލް ސަރވިސް ޓްރެއިނިންގ އިންސްޓިޓިއުޓް (ސީ.އެސް.ޓީ.އައި) އަދި ފޮރިން ސަރވިސް އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (ފޮސިމް) ގެ އެހީތެރިކަމާއެކުގައެވެ.



