ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒާ ބައްދަލުކުރަން ބޭނުންވާ ފަރާތްތަކަށް ވީހާވެސް ފުޅާ ދާއިރާއެއްގައި އެ ފުރުޞަތު ދެއްވުމަށްޓަކައި "ރައްޔިތުންގެ އަޑު" ގެ ނަމުގައި ބާއްވަވާ ސިލްސިލާ ބައްދަލުކުރެއްވުންތައް ރައީސް ފައްޓަވައިފިއެވެ.
މި ބައްދަލުވުންތަކުގެ ތެރެއިން ބައެއް މަންޒަރުތައް ހިމެނޭ ފުރަތަމަ އެޕިސޯޑް، ރައީސް އޮފީހުން ވަނީ މީސްމީޑިއާގެ މަންސަތަކާއި ޕަބްލިކް ސަރވިސް މީޑިއާ (ޕީއެސްއެމް) މެދުވެރިކޮށް ދުރަށްދައްކާފައެވެ.

މި ބައްދަލުވުންތަކުގައި ރައީސް ވަނީ އެމަނިކުފާނާ ބައްދަލުކުރެއްވުމަށް ނަން ނޯޓުކުރެއްވި ފަރާތްތަކާ ވަކިވަކިން ބައްދަލުކުރައްވައި، ރައްޔިތުން ހުށަހެޅި މައްސަލަތަކާއި ބޭނުންތަކާ މެދު މަޝްވަރާކުރައްވާފައެވެ. އަދި އެކަންކަމުގައި ސަރުކާރުގެ ފަރާތުން ވެދެއްވެން ހުރި އެހީތެރިކަމަކީ ކޮބައިތޯ ބައްލަވައި، އެކަންކަން ހައްލުކޮށްދެއްވުމަށް މަގުފަހިކޮށްދެއްވާފައިވެއެވެ.

ރާއްޖޭގެ އިންތިޚާބީ 93 ދާއިރާއަށް ހުޅުވާލައިގެން ކުރިއަށްގެންދާ މި ޕްރޮގްރާމުގެ ފުރަތަމަ ބުރުގައި ހުޅުމާލެ އުތުރު، ހުޅުދޫ، ހޯރަފުށި އަދި ހުޅުމާލެ މެދު ދާއިރާގެ ރައްޔިތުންނަށް ފުރުސަތު ދީފައިވާއިރު، ދެވަނަ ބުރުގައި މާފަންނު ދެކުނު، އުނގޫފާރު، ކެލާ އަދި ފުވައްމުލަކު ދެކުނު ދާއިރާއަށް ވަނީ ހުޅުވާލާފައެވެ.
މީގެއިތުރުން، ތިންވަނަ ބުރުގެ ދަށުން އިހަވަންދޫ، ނައިފަރު، ފޮނަދޫ، މީދޫ، ވިލިމާލެ، މައްޗަންގޮޅި ދެކުނު، މާމިގިލި އަދި ތިނަދޫ އުތުރު ދާއިރާގެ ރައްޔިތުންނަށް ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައްވާފައެވެ.
މިފަދަ ޕްރޮގްރާމެއް ފައްޓަވާނެކަން ރައީސުލްޖުމްހޫރިއްޔާ އިއުލާނު ކުރެއްވީ، ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައިގެން ކަންބޮޑުވުންތައް އަޑުއެއްސެވުމުގެ މަޤުޞަދުގައި ނިމިދިޔަ ޖޫން މަހުގެ 25 ވަނަ ދުވަހުއެވެ.




