އަސްލާ އެއްގޮތަށް ނަކަލުކޮށްގެން އުފައްދާފައިވާ ކެންސަރު ބަލީގެ ފަރުވާއަށް ބޭނުންކުރާ އިންޖެކްޝަނެއް ރާއްޖެ އެތެރެކޮށްފައިވާތީ، އެކަމަށް ސަމާލުވުމަށް މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ) އިން އިލްތިމާސްކޮށްފިއެވެ.
އެ އިދާރާއިން އާންމުކުރި މައުލޫމާތުގައިވާ ގޮތުން، ފޭކުކޮށްގެން އެތެރެކޮށްފައިވަނީ އަޔަލޭންޑުގެ ސްވޯޑްސް ލެބޯރެޓޮރީސް އަންލިމިޓެޑުން އުފައްދާ "އޮޕްޑިވޯ" (ނިވޮލުމެބް) ބްރޭންޑުގެ އިންޖެކްޝަނެކެވެ. މިއީ މެލަނޯމާ، ފުއްޕާމޭގެ ކެންސަރު އަދި ކިޑްނީ ކެންސަރު ފަދަ ބަލިތަކުގައި އިމިއުން ސިސްޓަމްގެ ޓީ-ސެލްގައިވާ ޕީޑީ-1 ޕްރޮޓީން ބްލޮކްކޮށް، ކެންސަރު ސެލްތައް ނައްތާލުމަށް އެހީތެރިވެދޭ މުހިންމު ފަރުވާއެކެވެ.
އެމްއެފްޑީއޭއިން ވަނީ "އޮޕްޑިވޯ" އިންޖެކްޝަންގެ ބެޗު ނަންބަރު 8081399 ރާއްޖެއަށް އެތެރެކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ. އަދި މި ވަކި ބެޗުގެ އިންޖެކްޝަން ރާއްޖެ އެތެރެކުރުމާއި، ވިއްކުމާއި އަދި ބޭނުންކުރުން އެއްކޮށް މަނާކޮށްފައިވާކަމަށް އެ އިދާރާއިން ވަނީ އަންގައިފައެވެ. މީގެ ކުރިންވެސް ކެންސަރަށް ފަރުވާދޭ "ޑާޒަލެކްސް" ނަމަކަށް ކިޔާ ބޭހެއްގެ ފޭކު ބެޗުތަކެއް ރާއްޖެއިން ފެނިގެން، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ސަމާލުވުމަށް އަންގާފައިވެއެވެ




