ތ. ގުރައިދޫ އެއާޕޯޓް ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ %79 ނިމިއްޖެ

ތ. ގުރައިދޫގައި އެއާޕޯޓެއް ތަރައްގީކުރުމަށްޓަކައި ކުރިއަށްދާ ބިން ހިއްކުމާއި ގިރާ ސަރަހައްދު ހިމާޔަތްކުރުމުގެ މަޝްރޫއުގެ ބޮޑުބައެއް ނިމި، މުޅި މަޝްރޫއުގެ %79 މަސައްކަތް މިހާރު ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެމްޓީސީސީ އިން ބުނީ މި މަޝްރޫއުގެ ތެރެއިން މިހާރު ހިނގަމުންދަނީ ހިއްކާފައިވާ ސަރަހައްދު ގިރުމުން ސަލާމަތްކުރުމަށްޓަކައި ރޮކް ބޯލްޑަރ ރެވެޓްމަންޓް ޖެހުމުގެ މަސައްކަތާއި، ޖިއޯ ބޭގް ރެވެޓްމަންޓް ހަރުކުރުމުގެ އަމަލީ މަސައްކަތްތަކެވެ.

މި މަޝްރޫއަކީ ސަރުކާރުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްދާ 106.02 މިލިއަން ރުފިޔާގެ ބޮޑު މަޝްރޫއެކެވެ. މި މަސައްކަތް އެމްޓީސީސީއާ ރަސްމީކޮށް ހަވާލުކޮށްފައިވަނީ 16 ނޮވެމްބަރު 2024 ގައެވެ. 300 ދުވަހުގެ ތެރޭގައި ނިންމުމަށް ހަވާލުކުރެވުނު މި މަޝްރޫއުގެ ދަށުން، އެއާޕޯޓް އެޅުމަށްޓަކައި 13.80 ހެކްޓަރުގެ ބިން ހިއްކުމުގެ އިތުރުން، ގިރާ ސަރަހައްދު ހިމާޔަތްކުރުމަށްޓަކައި 979 މީޓަރުގެ ބޮޑުހިލައިގެ ރެވެޓްމަންޓަކާއި 609 މީޓަރުގެ ޖިއޯ ބޭގް ރެވެޓްމަންޓް ގާއިމުކުރުން ހިމެނެއެވެ.

ގުރައިދޫގައި އެއާޕޯޓެއް ތަރައްގީކުރެވިގެން ދިއުމަކީ އެ ރަށުގެ އިތުރުން މުޅި އަތޮޅުގެ ދަތުރުފަތުރަށާއި، ފަތުރުވެރިކަމުގެ ދާއިރާއަށް ބޮޑު އިންގިލާބީ ބަދަލެއް ގެނެސްދޭނެ ކަމެކެވެ.

މި މަޝްރޫއު ނިމި އެއާޕޯޓްގެ ހިދުމަތް ފެށުމުން، ސަރަހައްދީ ގުޅުން ބަދަހިވެ، ވަޒީފާގެ އާ ފުރުސަތުތަކާއެކު ރައްޔިތުންނަށް އިޖުތިމާއީ އަދި އިގްތިސާދީ ގޮތުން ގިނަގުނަ ފައިދާތަކެއް ލިބިގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް