އޭވިއޭޝަން ދާއިރާއަށް ބޭނުންވާ ގާބިލު އަދި ތަމްރީނުލިބިފައިވާ މަސައްކަތްތެރިން ބިނާކުރުމުގެ މަސައްކަތް، އޭވިއޭޝަން އިންސްޓިޓިއުޓް އޮފް މޯލްޑިވްސް (އެއިމް)ގެ ސަބަބުން އިތުރަށް އަވަސްވެގެންދާނެ ކަމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހީމް ޝަރީފް މުހައްމަދު ވިދާޅުވެއްޖެއެވެ.
ހުޅުލޭ އައިލެންޑް ހޮޓެލް (އެޗްއައިއެޗް)ގައި ބޭއްވި އެއިމް ރަސްމީކޮށް އިފްތިތާހުކުރުމާއި އެ އިންސްޓިޓިއުޓްގެ ފުރަތަމަ ދަސްވެނިވުމުގެ ހަފްލާގައި ވާހަކަދައްކަވަމުން ޝަރީފް ވިދާޅުވީ، އެމްއޭސީއެލްގެ މުސްތަގުބަލާއި ކުރިއެރުން ސީދާ ގުޅިފައިވަނީ ހުއްޓުމެއްނެތި ތަރައްގީވަމުންދާ ގާބިލު މުވައްޒަފުންނާއެކު ކަމަށެވެ. އަދި މިއިންސްޓިޓިއުޓްގެ މައިގަނޑު އަމާޒަކީ ކުންފުނީގެ މުވައްޒަފުންނަށް ބޭނުންވާ ތަމްރީނުތައް ހަމަޖައްސައިދީ، ހަރުދަނާ އޮނިގަނޑެއްގެ ތެރެއިން ސަނަދު ހާސިލުކޮށް ވަޒީފާގެ ކުރިއެރުން ހޯދައިދިނުން ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
އޭވިއޭޝަން އިންސްޓިޓިއުޓްގެ ފުރަތަމަ ދަސްވެނިވުމުގެ މި ހަފްލާގައި، ސެޓްފިކެޓް ލެވެލް 3 ގެ އެއަޕޯޓް ސެކިއުރިޓީ މެނޭޖްމަންޓް ކޯސް ފުރިހަމަކުރި 29 ދަރިވަރަކު ވަނީ ސަނަދު ހާސިލުކޮށްފައެވެ.
ހަފްލާ ނިންމަވާލައްވަމުން ސީއީއޯ ޝަރީފް ވަނީ ސަނަދު ހާސިލުކުރި ދަރިވަރުންނަށް މަރުހަބާ ދަންނަވައި، އެމްއޭސީއެލްގެ ހުރިހާ މުވައްޒަފުންވެސް މި އިންސްޓިޓިއުޓް މެދުވެރިކޮށް ލިބެންހުރި ތައުލީމީ އަދި ތަމްރީނީ ފުރުސަތުތަކުގެ ބޭނުން އެންމެ ހެޔޮގޮތުގައި ހިފުމަށް އިލްތިމާސްކުރައްވާފައެވެ.




