އެމްއޭސީއެލްގެ އޭވިއޭޝަން އިންސްޓިޓިއުޓު އިފްތިތާހުކޮށް، ފުރަތަމަ ދަސްވެނިންނަށް ސަނަދު ދީފި

ރާއްޖޭގެ އެއާޕޯޓުތައް ހިންގާ ކުންފުނި، މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)ގެ އޭވިއޭޝަން އިންސްޓިޓިއުޓް (އެއިމް) ރަސްމީކޮށް އިފުތިތާހުކޮށް، އެ އިންސްޓިޓިއުޓުގެ ފުރަތަމަ ދަސްވެނިންނަށް ސެޓްފިކެޓު ހަވާލުކޮށްފިއެވެ.

އެކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ދަސްވެނިވި ދަރިވަރުންނަށް ސެޓްފިކެޓު ހަވާލުކޮށްދެއްވީ އެމްއޭސީއެލްގެ ސީއީއޯ އިބްރާހީމް ޝަރީފް މުޙައްމަދެވެ. އަދި ކޯހުން އެންމެ މަތީ ނަތީޖާ ހޯދި ދަރިވަރުންނަށް އެވޯޑު ހަވާލުކޮށްދެއްވީ ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނު، ގައުމީ ޔުނިވާސިޓީގެ ޗާންސެލަރު ޑރ. މަޙްމޫދު ޝައުގީއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ ޝަރީފް ވިދާޅުވީ، މި އިންސްޓިޓިއުޓުގެ މައިގަނޑު މަގުސަދަކީ ރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ދާއިރާއަށް ބޭނުންވާ ފަންނީ މަސައްކަތްތެރިން ބިނާކުރުން ކަމަށެވެ. އަދި މިއީ އެއާޕޯޓުތަކަށް ބޭނުންވާ ހުނަރުވެރި މުވައްޒަފުން ތަމްރީނުކުރުމަށް އެމްއޭސީއެލުން ގެންގުޅޭ ދިގު މުއްދަތުގެ ތަސައްވުރު ރަމްޒުކޮށްދޭ މުހިންމު ފިޔަވަޅެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ސަނަދު ހާސިލްކޮށްފައިވަނީ އެއާޕޯޓު ސެކިއުރިޓީ މެނޭޖްމަންޓް ކޯސް ފުރިހަމަކުރި 29 ދަރިވަރުންނެވެ. މޯލްޑިވްސް ކޮލިފިކޭޝަންސް އޮތޯރިޓީ (އެމްކިއުއޭ)ގެ މިންގަނޑުތަކަށް ފެތޭގޮތަށް ފަރުމާކޮށްފައިވާ މި ފައުންޑޭޝަން ލެވެލް ކޯހަކީ އެމްއޭސީއެލްގެ އެސްޓޭޓް ސެކިއުރިޓީ ޚިދުމަތާ އަލަށް ގުޅޭ މުވައްޒަފުން ތަމްރީނުކުރުމަށް ޚާއްސަ ކުރެވުނު ތިން މަސްދުވަހުގެ ކޯހެކެވެ. މިއީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ދަތުރުކުރާ ފަސިންޖަރުންގެ ސަލާމަތާއި ރައްކާތެރިކަން އިތުރަށް ވަރުގަދަކުރުމަށް ކުރެވޭ މުހިންމު މަސައްކަތެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް