އްޖޭގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާކޮށް، ފެންވަރު ރަނގަޅު ބޭސް ހުރިހާ ސަރަހައްދަކަށް ފަސޭހަކަމާއެކު ފޯރުކޮށްދިނުމުގެ މަގުސަދުގައި ސްޓޭޓް ފާމާސްއިން ދުނިޔޭގެ މަޝްހޫރު ފާމަސިއުޓިކަލް ކުންފުންޏެއް ކަމަށްވާ އެޗްޕީއެލްއާއެކު ޑިސްޓްރިބިއުޝަން އެގްރީމަންޓެއްގައި ސޮއިކޮށްފިއެވެ.
ސްޓޭޓް ފާމާސްއިން މަޢުލޫމާތު ދޭ ގޮތުގައި، މި އެއްބަސްވުމަކީ ރާއްޖެއަށް ބޭނުންވާ ފެންވަރު ރަނގަޅު ބޭސް މެދުކެނޑުމެއްނެތި ލިބޭނެ ގޮތް މަގުފަހިކޮށްދީ، ބޭސް ފޯރުކޮށްދިނުމުގެ ނިޒާމު އިތުރަށް ހަރުދަނާކުރުމަށްޓަކައި އެޅުނު މުހިންމު ފިޔަވަޅެކެވެ.

މި އެއްބަސްވުމުގެ ސަބަބުން ސްޓޭޓް ފާމާސްގެ ބައިނަލްއަގުވާމީ ސަޕްލަޔަރުންގެ ވިއުގަ އިތުރަށް ވަރުގަދަވެ، ރާއްޖޭގެ ބޭހުގެ ސަޕްލައި ޗެއިންގެ މަރުހަލާތަކަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެއެވެ. އަދި މިއީ އަސާސީ ބޭސްތައް ރައްޔިތުންނަށް އަތްފޯރާފަށުގައި ފަސޭހަކަމާއެކު ފޯރުކޮށްދިނުމަށާއި، ބައިނަލްއަގުވާމީ ފެންވަރުގެ ފާމަސޫޓިކަލް އުފެއްދުންތައް ރާއްޖޭގެ މާކެޓަށް ތައާރަފުކުރުމަށް އެ ކުންފުނިން ކުރަމުންދާ މަސައްކަތަށް ލިބުނު ބޮޑު ސަޕޯޓެކެވެ.
އެޗްޕީއެލްއަކީ ބައިނަލްއަގުވާމީ ބާޒާރުގައި ބޮޑު އިތުބާރެއް ހޯދާފައިވާ ކުންފުންޏަކަށްވާއިރު، އެ ކުންފުނީގެ އުފެއްދުންތައް ޔޫރަޕް، އޭޝިއާ، އެފްރިކާ އަދި އެމެރިކާ ހިމެނޭހެން ދުނިޔޭގެ 32 އަށްވުރެ ގިނަ ގައުމަށް މިހާރުވެސް ދަނީ އެކްސްޕޯޓް ކުރަމުންނެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، ރާއްޖޭގެ ބޭހުގެ މާކެޓު ފުޅާކުރުމުގެ ގޮތުން ސްޓޭޓް ފާމާސްއިން ދާދިފަހުން ވަނީ ވިލާތުގައި ބޭސް އުފައްދާ އެންމެ ބޮޑު އެއް ކުންފުނި ކަމަށްވާ އެސްޓްރާޒެނެކާއާއެކުވެސް މުހިންމު އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.




