ރާއްޖޭގެ އެކި ހިސާބުތަކަށް ކުރިއަށް އޮތް ވަގުތުތަކުގައި ވިއްސާރަކޮށް، ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ލަފާކޮށްފިއެވެ.
ކުރިއަށް އޮތް 24 ގަޑިއިރު ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ބެލެވޭއިރު، މެދުރާއްޖެތެރެއާއި އުތުރުގެ އަތޮޅުތަކަށް ވައިޖެހޭނީ ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވެއެވެ. ކަނޑުތަކުގެ ހާލަތަށް ބަލާއިރު ދެކުނު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވެފައި ވިލާގަނޑުގައި އާދައިގެ ވަރަކަށް ގަދަވާނެއެވެ. ނަމަވެސް، މެދުރާއްޖެތެރެއާއި އުތުރު އަތޮޅުތަކުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެއެވެ.
ރާޅުގެ އުސްމިން ދެކުނުގައި 2 ފޫޓާއި 4 ފޫޓާ ދެމެދުގައި އުޅޭއިރު، އުތުރާއި މެދުރާއްޖެތެރޭގައި ރާޅު އުސްވާނީ 3 ފޫޓާއި 6 ފޫޓާ ދެމެދުގައެވެ. އެހެންކަމުން ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކުރައްވައިފައެވެ.
މޫސުމާ ބެހޭ ގައުމީ އިދާރާގެ ރެކޯޑުތަކަށް ބަލާއިރު، ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި އެންމެ ގިނައިން ވާރޭވެހިފައިވަނީ ފ. ބިލެއްދުއަށެވެ. އެއީ 48.6 މިލިމީޓަރުގެ ވާރޭއެވެ. ދެވަނައަށް އެންމެ ގިނައިން ވާރޭވެހުނު ކަމަށް ރެކޯޑުކުރެވިފައިވަނީ ހުޅުމާލެއަށެވެ. އެއީ 35.8 މިލިމީޓަރުގެ ވާރޭއެވެ. އަދި ތިންވަނައަށް އެންމެ ގިނައިން ވާރޭވެހިފައިވަނީ އއ. ތޮއްޑުއަށެވެ. އެއީ 31.2 މިލިމީޓަރުގެ ވާރޭއެވެ.




