ވިހިވަނަ ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ ދެވަނަ ދައުރުގެ މަސައްކަތްތައް ނިންމުމަށްޓަކައި ދައުރު ދަންމައިލުމަށް މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުالله ހުށަހަޅުއްވައިފިއެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން ދެވަނަ ދައުރުގެ ފަހު ޖަލްސާ ބާއްވަންޖެހެނީ މި ހަފުތާގައި ކަމަށްވީ ނަމަވެސް، މި ހުށަހެޅުން ފާސްވެއްޖެނަމަ މި މަހުގެ 20 ވާ ބުރާސްފަތި ދުވަހުގެ ނިޔަލަށް ދައުރު ދިގުވެގެންދާނެއެވެ. ބެލެވޭ ގޮތުގައި ދައުރު ދަންމައިލަނީ ސަރުކާރުން ބޭނުންވާ މަޝްރޫއުތައް ހިންގުމަށްޓަކައި ކައުންސިލުތަކުގެ އިހްތިޞާސުގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭގޮތަށް ލާމަރުކަޒީ ގާނޫނަށް ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާން އަބޫބަކުރު ހުށަހެޅުއްވި އިސްލާހު ފާސްކުރުމަށެވެ. މީގެއިތުރުން، އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތްކަމުގެ މައްސަލަވެސް އަންނަ ހަފުތާގައި ކުރިއަށްދާނެ ކަމަށް ބެލެވެއެވެ.
މިއަހަރުގެ ފުރަތަމަ ދައުރުވެސް މުހިންމު މަސައްކަތްތަކެއް ހުރިކަމަށް ބުނެ ދަންމައިލި ނަމަވެސް، އެ ދައުރުގައި ތާވަލުކުރީ ހަމައެކަނި މަޖިލީހުގެ ފުރަތަމަ ނައިބު ރައީސް އަޙްމަދު ނާޒިމް މަގާމުން ވަކިކުރުމުގެ މައްސަލައެވެ. ނަމަވެސް އެ މައްސަލަ ތާވަލުކުރި ދުވަހު އޭނާ ވަނީ އިސްތިއުފާ ދެއްވައިފައެވެ. މަޖިލީހުގެ ޖަލްސާތަކާއި ކޮމިޓީ ބައްދަލުވުންތައް ގަވައިދުން ނުބޭއްވޭއިރު، ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއްކޮށް މެންބަރުންނަށް ބޮޑު މުސާރައާއި އިނާޔަތްތައް ދިނުމާއެކުވެސް، އެއާ އެއްވަރަށް މެންބަރުން މަސައްކަތް ނުކުރާކަމުގެ ޝަކުވާ އަބަދުވެސް އޮވެއެވެ.




