މިފްކޯގެ ސެންޓަރުތަކުން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖައްސައިފި

މިފްކޯގެ ސެންޓަރުތަކުން މަސްވެރިންނަށް ކްރެޑިޓަށް ތެޔޮ ދޫކުރުމުގެ އިންތިޒާމު ހަމަޖެއްސުމުގެ ގޮތުން މިފްކޯއާއި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.

މި އެއްބަސްވުމުގައި މިފްކޯގެ ފަރާތުން ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރު މުހައްމަދު އަނަސް ސޮއިކުރެއްވިއިރު، އެފްއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރު ފާތިމަތު އާޝާންއެވެ. މި އެއްބަސްވުމުގެ ދަށުން ފެލިވަރު، ކޫއްޑޫ އަދި އައްޑޫ ފިޝަރީޒް ކޮމްޕްލެކްސްއިން މަސް ކިރުވާ ދޯނިފަހަރަށް މިއަދުން ފެށިގެން ކްރެޑިޓަށް ތެޔޮ ލިބޭނެއެވެ.

މި އުސޫލުގެ ދަށުން މަސްކިރުވުމަށްފަހު ލިބޭ ބިލު ހުށަހެޅުމުން ދޯނިފަހަރަށް ތެޔޮ އެޅޭނެއެވެ. އަދި ތެލުގެ ބިލަށްވާ ފައިސާ އުނިކުރާނީ މަސްކިރުވާތާ 48 ގަޑިއިރު ތެރޭގައި މަސްވެރިންނަށް ދޭ ޕޭމަންޓުގެ ތެރެއިންނެވެ. މިއީ މަސްވެރިން ވަރަށް ބޮޑަށް އެދެމުންއައި ކަމަކަށްވާއިރު، މި ބަދަލުގެ ސަބަބުން މަސްވެރިންނަށް ތެޔޮ ގަތުމުގައި ހުރި މާލީ ދަތިތަކަށް ބޮޑު ލުޔެއް ލިބި، މަހަށް ފުރުމަށް އިތުރު ހިތްވަރެއް ލިބިގެންދާނެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް