ކ. ދިއްފުއްޓަށް ދަތުރުކުރި ލޯންޗެއް ސިނަމަން ދޮންވެލި މޯލްޑިވްސް ކައިރިއަށް އަޑިއަށް ދިޔަ ހާދިސާއެއްގައި، އޭގައި ތިބި 14 ފަތުރުވެރިންނާއި ހަތަރު ދިވެހި ގައިޑުން ހިމެނޭހެން ޖުމުލަ 18 މީހުން ނުރައްކަލެއްނުވެ ސަލާމަތްކޮށްފިއެވެ.
މައުލޫމާތު ލިބޭ ގޮތުގައި، މި ހާދިސާ ހިނގަން މެދުވެރިވީ ލޯންޗުގެ ފަހަތުން ދިޔަވާން ފެށުމުން، ޕަންޕު ބޭނުންކޮށްގެން ވެސް ފެން ނުހިންދިގެންނެވެ. ހާދިސާ ހިނގި ވަގުތު އުޅަނދުގައި ހަތަރު ކުޑަކުދިންނާއި ގިނަ އަދަދެއްގެ އަންހެނުން ތިބި އިރު، ސޯޝަލް މީޑިއާގައި ދައުރުވާ ވީޑިއޯއަކުން ފެންނަނީ ލޯންޗު އެއްކޮށް އަޑިއަށް ދިއުމުގެ ކުރިން އެ އެންމެން ކައިރީގައި އޮތް ޑައިވިން ދޯންޏަކަށް ނަގާ މަންޒަރެވެ.

މި ހާދިސާގައި ދަތުރުކުރި ފަތުރުވެރިންނަކީ ޗައިނާގެ ރައްޔިތުންނެވެ. ހާދިސާއާ ގުޅިގެން މީހުން ސަލާމަތްކޮށް، އެންމެން މިހާރު ދިއްފުއްޓަށް ގެންގޮސްފައިވާއިރު، އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައެއް ނުވެއެވެ. މިއީ ފުލުހުންނަށް ރިޕޯޓުކޮށްގެން އިތުރަށް ބަލަމުންދާ ހާދިސާއެކެވެ.
މި ދުވަސްވަރަކީ ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ، ކަނޑުތައް ގަދަ ދުވަސްވަރެއް ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ވަނީ ހާމަކޮށްފައެވެ. ދާދިފަހުން ބުދަ ދުވަހުގެ ރޭ ވިއްސާރައިގައި ސަޕްލައި ދޯންޏެއް އަޑިއަށް ގޮސް، އޭގެ ކެޕްޓަނާއި މީހުން ސަލާމަތްކުރަން ދިޔަ ފުލުހަކާއި ސިފައިންގެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ކުރަމުންދާތީ، ކަނޑުދަތުރުފަތުރު ކުރާ ފަރާތްތަކުން މޫސުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކުރެއެވެ.




