ހުއިފިލަނޑާ ޕްރޮސެސްކުރުމުގެ ލައިސަންސް ނެގުމަށް ހުޅުވާލައިފި

ހުއިފިލަނޑާ އެކްސްޕޯޓްކުރުމުގެ މަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކުގެ ތެރެއިން، މިހާތަނަށް ޕްރޮސެސިންގ ލައިސަންސް ނަގާފައިނުވާ ފަރާތްތަކަށް ލައިސަންސް ނެގުމުގެ ފުރުޞަތު މަސްވެރިކަމާ ބެހޭ ވުޒާރާއިން ހުޅުވާލައިފިއެވެ.

އެ ވުޒާރާއިން މަޢުލޫމާތު ދެއްވާ ގޮތުގައި، މި ލައިސަންސަށް އެދި ހުށަހެޅުމުގެ ފުރުޞަތު މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް "ކެޔޮޅު" ޕޯޓަލް މެދުވެރިކޮށެވެ.

ދިވެހިރާއްޖޭގައި ކުރާ ހުއިފިލަނޑާގެ މަސްވެރިކަމުގައި ނަގާ ބާވަތެއް ކަމަށްވާ "ކައްޗަލަ" އަކީ، އޭގެ އާބާދީ ދަށްވަމުންދާތީ 2022 ވަނަ އަހަރު ބޭއްވި "ސައިޓީސް" (CITES) މުޢާހަދާގެ ބައްދަލުވުމުގައި އެ މުޢާހަދާގެ ޖަދުވަލު 2 ގައި ހިމަނާފައިވާ ބާވަތެކެވެ. ސައިޓީސްގެ ޖަދުވަލު 2 ގައި ހިމެނޭ ބާވަތްތައް އެކްސްޕޯޓް ކުރެވޭނީ، އެ ޤައުމެއްގެ ސައިޓީސް މެނޭޖްމަންޓް އޮތޯރިޓީން ދޫކުރާ ޚާއްޞަ ހުއްދައަކާއެކުގައެވެ. އަދި މި ހުއްދަ ދޫކުރެވެނީ ސައިންޓިފިކް އޮތޯރިޓީން ހަދާ "ނޮން-ޑެޓްރިމަންޓަލް ފައިންޑިންގ" (އެންޑީއެފް) ދިރާސާއަކުން، އެ ބާވަތެއް މާހައުލުން ނަގައި އެކްސްޕޯޓްކުރުމަކީ އާބާދީއަށް ގެއްލުން ނުވާނެ އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރެވޭ ކަމެއްކަން ކަށަވަރުވުމުންނެވެ.

މި ގޮތުން، ރާއްޖޭގެ ސައިޓީސް ސައިންޓިފިކް އޮތޯރިޓީ ކަމަށްވާ މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރްއައި) އިން ވަނީ ކައްޗަލައިގެ އެންޑީއެފް ތައްޔާރުކޮށް، ރާއްޖެއިން އެކްސްޕޯޓް ކުރެވޭނެ މިންވަރު (ކޯޓާ) ކަނޑައަޅާފައެވެ.

މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ، ވޭތުވެދިޔަ ތިން އަހަރު ހުއިފިލަނޑާ އެކްސްޕޯޓްކޮށްފައިވާ ފަރާތްތަކުގެ ތެރެއިން ޕްރޮސެސިންގ ލައިސަންސް ނަގާފައިވާ ފަރާތްތަކުގެ މެދުގައި މި ކޯޓާ ބަހާނެ މިންގަނޑެއް އެކުލަވައިލުމުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ.

މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން، ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތް އިތުރަށް ހަރުދަނާކޮށް، ފުޅާކޮށް ކުރިއެރުވުމަށްޓަކައި އެ ވުޒާރާއިން ކުރައްވަމުންދާ މުހިންމު މަސައްކަތްތަކުގެ ތެރެއިން ހިމެނޭ ކަމެއްކަމަށްވެސް މަސްވެރިކަމާ ބެހޭ ވުޒާރާއިން ފާހަގަކުރައްވައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް