ފެނަކައިގެ އޮޑިޓް ރިޕޯޓުގައިވާ މައްސަލަތައް ތަހުގީގުކުރަން އޭސީސީއާއި ފުލުހުންނަށް އެންގުމަށް މަޖިލީހުން ފާސްކޮށްފި

ފެނަކަ ކޯޕަރޭޝަން ލިމިޓެޑްގެ "މުދަލާއި ޚިދުމަތް ހޯދުން، ކުންފުނީގެ މާލީ ޙާލަތާއި ހިސާބުތައް ބެލެހެއްޓުމާގުޅޭ ޚާއްޞަ އޮޑިޓް" ގައި ފާހަގަކޮށްފައިވާ ކޮރަޕްޝަނާއި މާލީ އޮޅުވާލުންތަކުގެ މައްސަލަތައް ތަހުގީގުކުރުމަށް އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އާއި ދިވެހި ފުލުހުންގެ ޚިދުމަތަށް އެންގުމަށް ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ. މަޖިލީހުގެ މާލިއްޔަތު ކޮމިޓީން ދިރާސާކުރުމަށްފަހު ހުށަހެޅި 36 ހުށަހެޅުމާއެކު މި ނިންމުން ފާސްވީ ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާގުންނެވެ.

2021 ވަނަ އަހަރުން ފެށިގެން 2023 ވަނަ އަހަރުގެ ނިޔަލަށް ފެނަކައިން މުދަލާއި ޚިދުމަތް ހޯދާފައިވާ ގޮތުގެ މައްޗަށް ތައްޔާރުކޮށްފައިވާ މި އޮޑިޓް ރިޕޯޓުގައި، ކުންފުނީގެ ގަވާއިދުތަކާ ހިލާފަށް އަދި މާލީގޮތުން ބޮޑެތި ގެއްލުންތައް ވާނެހެން އަމަލުކޮށްފައިވާކަން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެ މުއްދަތުގެ ތެރޭގައި 8.8 ބިލިއަން ރުފިޔާގެ މުދަލާއި ޚިދުމަތް ހޯދާފައިވާއިރު، އޭގެ ތެރޭގައި ކުންފުނީގެ އާންމު އޮޕަރޭޝަންތަކަށް ބޭނުންނުވާ އަދި އެ ވަގުތަށް މުހިންމު ނޫން ގިނަ ކަންކަމަށް ރޭވުންތެރިކަމެއް ނެތި އާންމު ބީލަމުގެ އުސޫލުން ބޭރުން ބޮޑެތި ޚަރަދުތައް ކޮށްފައިވާކަން ވަނީ ހާމަވެފައެވެ.

އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވާ މުހިންމު ކަންކަން:

  • ބީލަމާ ހިލާފަށް މަސައްކަތް ހަވާލުކުރުން: ޖަނަރޭޓަރ، ކޭބަލް، ޓްރާންސްފޯމަރ އަދި ފެނާއި ނަރުދަމާގެ މަޝްރޫއުތަކަށް ހެދި 673 އެއްބަސްވުމުގެ (2.23 ބިލިއަން ރުފިޔާ) ތެރެއިން 438 އެއްބަސްވުމަކީ އާންމު ބީލަމުގެ އުސޫލުން ބޭރުން ހަދާފައިވާ 1.3 ބިލިއަން ރުފިޔާގެ އެއްބަސްވުންތަކެކެވެ.

  • އާއިލީ ގުޅުންހުރި ކުންފުނިތަކަށް މަޝްރޫއުތައް ދިނުން: އޭރުގެ މެނޭޖިން ޑިރެކްޓަރުގެ އާއިލީ ގުޅުންހުރި ކުންފުނިތަކަށް ގަވާއިދާ ހިލާފަށް 92 އެއްބަސްވުމުގެ ތެރެއިން 49 މިލިއަން ރުފިޔާގެ މަސައްކަތް ހަވާލުކޮށްފައިވެއެވެ.

  • ނުނިމި ހުރި އިންހައުސް މަޝްރޫއުތައް: އައު އިންޖީނުގެތަކާއި އޮފީސްތައް އިމާރާތްކުރުމަށް އިންހައުސް ޕްރޮޖެކްޓްގެ ގޮތުގައި 57 މަޝްރޫއަކަށް 1 ބިލިއަނަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރިއިރު، އޭގެ ތެރެއިން 41 މަޝްރޫއެއްގެ މަސައްކަތް ނުނިމި ހުރުމުން އިތުރު މާލީ ބުރައެއް ވަނީ އުފުލަންޖެހިފައެވެ.

  • ޕްރޮކިއުމަންޓް އުސޫލާ ހިލާފަށް ތެޔޮ ގަތުން: 127.7 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަނެފައިވާއިރު، އޭގެ ތެރެއިން 111 މިލިއަން ރުފިޔާގެ އަޑީތެޔޮ ގަނެފައިވަނީ ކުންފުނީގެ ޕްރޮކިއުމަންޓް ޕޮލިސީއާ މުޅިން ހިލާފަށެވެ.

މަޖިލީހުން ފާސްކުރި ނިންމުމުގައި އޭސީސީއާއި ފުލުހުންނަށް މައްސަލަ ތަހުގީގުކުރަން އެންގުމުގެ އިތުރުން، ފެނަކައިގެ ގަވާއިދުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް މާލިއްޔަތު ކޮމިޓީއާ ހިއްސާކުރުމަށާއި، ތަހުގީގުގެ އެންމެ ފަހުގެ މައުލޫމާތުތައް ކޮމިޓީއަށް ހުށަހެޅުމަށް ވަނީ އަންގާފައެވެ. މީގެ އިތުރުން، ފެނަކައިގެ ކޮރަޕްޝަންގެ މައްސަލަތައް ތަހުގީގުކޮށް ފިޔަވަޅުއެޅުން އަވަސްކުރުމަށް ހުށަހެޅި ގަރާރުވެސް މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް