މޯލްޑިވްސް އިންލަންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ވެބްސައިޓުގައި ޤާއިމުކޮށްފައިވާ ޚާއްޞަ ލިންކުތައް މެދުވެރިކޮށް، ވަޤުފު ފަންޑަށް މިއަހަރުގެ މިހާތަނަށް 3 މިލިއަނަށްވުރެ ގިނަ ރުފިޔާ ލިބިފައިވާކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ހާމަކުރައްވައިފައެވެ.
މި ފައިސާ ޚަރަދުކުރާނީ ވަޤުފު ފަންޑުގެ ޓްރަސްޓް ސްޓޭޓްމަންޓާއި އުސޫލުތަކާ އެއްގޮތަށް ދެފުށް ފެންނަ ނިޒާމެއްގެ ތެރެއިންނެވެ. އެގޮތުން ދީނީ މަޝްރޫޢުތަކަށާއި، މިސްކިތްތަކާއި އިސްލާމީ މަރުކަޒުތައް ބިނާކުރުމަށާއި، އިސްލާމީ ތަޢުލީމާއި ދީނީ ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތަކަށް މި ފައިސާ ބޭނުންކުރާނެއެވެ.
އާންމު ރައްޔިތުންނާއި ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންނަށް ފަސޭހަކަމާއެކު ޞަދަޤާތްކުރެވޭނެ މަގު ފަހިކޮށްދިނުމަށް ތަޢާރަފުކުރި މި އޮންލައިން ޕޯޓަލްއަށް ބޮޑު ތަރުހީބެއް ލިބެމުންދާއިރު، ސަރުކާރުގެ އަމާޒަކީ "ދާރުލް އީމާން" ފަދަ ވަޤުފު އިމާރާތްތައް ބިނާކޮށް، ދެމެހެއްޓެނިވި ގޮތެއްގައި އާމްދަނީ ލިބޭނެ ނިޒާމެއް ޤާއިމުކުރުމެވެ. މިގޮތުން ވަޤުފު ފަންޑަށް ލިބޭ ފައިސާ އިންވެސްޓްކޮށްގެން އިތުރު އާމްދަނީ ހޯދުމުގެ މަސައްކަތްވެސް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދަނީ ކުރަމުންނެވެ.




