މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ޖުލައި މަހުގެ ނިޔަލަށް މަސްތުވާތަކެއްޗާ ދެކޮޅަށް ދިވެހި ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަންތަކުގައި 144 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެ، 1,800 އަށްވުރެ ގިނަ މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެޑް އޮފް ޑްރަގް އެންފޯސްމަންޓް، ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަޙުމަދު މުސްލިމް ވިދާޅުވީ، ފާއިތުވި ހަތް މަސްދުވަހުގެ ތެރޭގައި މުޅި ރާއްޖޭގައި 1,140 އަށްވުރެ ގިނަ އޮޕަރޭޝަން ހިންގާފައިވާ ކަމަށެވެ. އެގޮތުން މާލެ ސަރަހައްދުގައި 530 އަށްވުރެ ގިނަ އޮޕަރޭޝަން ހިންގިއިރު، ނޯދަން ޕޮލިހުން 329 އޮޕަރޭޝަން އަދި ސަދަން ޕޮލިހުން ވަނީ 281 އޮޕަރޭޝަން ހިންގާފައެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި މި މުއްދަތުގައި 1,875 މީހަކު ހައްޔަރުކޮށްފައިވާއިރު، މިއީ ދުވާލަކު އެވްރެޖްކޮށް އަށް މީހުންގެ ނިސްބަތެކެވެ. އަދި މަސްތުވާތަކެތީގެ ތުހުމަތުގައި 23,249 މީހަކު ހުއްޓުވައި ބަލައިފާސްކޮށް، މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ތުހުމަތު ކުރެވޭ 7,300 އަށްވުރެ ގިނަ ތަންތަން ވަނީ ބަލައިފާސްކޮށްފައެވެ. އަތުލައިގަތް 144 ކިލޯގެ މަސްތުވާތަކެތީގެ ބޮޑު ބަޔަކީ މާލެ ސަރަހައްދުން އަތުލައިގަތް 137.8 ކިލޯއެވެ. މީގެ އިތުރުން މާލެއާއި އަތޮޅުތެރެއިން ޖުމްލަ 1,856 ފުޅި ބަނގުރާވެސް ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ.
މި މުއްދަތުގެ ތެރޭގައި މަސްތުވާތަކެއްޗާ ގުޅުންހުރި 1,533 މައްސަލައެއް ތަހުގީގުކޮށްފައިވާއިރު، މާލެ ސަރަހައްދުން އެކަނިވެސް 560 މައްސަލަ ވަނީ ތަހުގީގުކޮށްފައެވެ. އޭގެ ތެރެއިން 343 މައްސަލައެއްގެ ތަހުގީގު ނިންމައި، ދައުވާކުރުމަށްޓަކައި ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ވަނީ ފޮނުވާފައެވެ. މީއީ މަސްތުވާތަކެތީގެ ވަބާއިން ގައުމު ސަލާމަތްކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ފުލުހުން ވަރުގަދަކުރަމުން އަންނަ ހާއްސަ އޮޕަރޭޝަންތަކެކެވެ.



