ހުޅުމާލެ ފޭސް 2 ގެ ބަސް ޚިދުމަތް ފުޅާކުރަން އެމްޓީސީސީއާއެކު މަޝްވަރާކޮށްފި

ހުޅުމާލެ ދެވަނަ ފިޔަވަހީގައި ދިރިއުޅޭ މީހުންނަށް ދިމާވެފައިވާ ދަތުރުފަތުރުގެ ދަތިތަކަށް އަވަސް ހައްލެއް ހޯދައިދިނުމުގެ ގޮތުން ބަހުގެ ޚިދުމަތް ފުޅާކުރުމާ ގުޅޭގޮތުން ޕީއެންސީގެ ހުޅުމާލެ އުތުރު ދާއިރާގެ ސްޓިއަރިން ކޮމިޓީ އާއި އެމްޓީސީސީގެ އިސް ބޭފުޅުންނާ ދެމެދު މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންގޮސްފިއެވެ.

މި ބައްދަލުވުމުގައި ޕީއެންސީގެ ފަރާތުން ވަނީ ފޭސް 2 ގެ ގިނަ ސަރަހައްދުތަކުގައި އެކަށީގެންވާ ބަސް ރޫޓުތަކާއި ބަސް ހުއްޓިތައް ނެތުމުގެ ސަބަބުން އާންމުންނަށް ދިގު ރާސްތާއަކަށް ހިނގަންޖެހުމާއި، ވަގުތަށް ބަސް ނުލިބޭތީ ރައްޔިތުން ކުރަމުންދާ ޝަކުވާތަކާއި ކަންބޮޑުވުންތައް އެމްޓީސީސީގެ ސަމާލުކަމަށް ގެނެސްފައެވެ.

މި ކަންބޮޑުވުންތަކާ ގުޅިގެން އެމްޓީސީސީން ވަނީ ފޭސް 2 ގެ އެތެރޭގެ ދަތުރުތަކަށް ޚާއްސަ ބަސް ރޫޓުތަކެއް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، އާންމުންނަށް ފަސޭހަވާނެހެން އިތުރު ބަސް ހުއްޓިތައް ގާއިމުކޮށްދޭނެ ކަމުގެ އުއްމީދީ ޔަގީންކަން ދީފައެވެ.

ޕީއެންސީ ހުޅުމާލެ އުތުރު ދާއިރާގެ ނައިބު ރައީސް މަލްސާ ޝަރީފް ވިދާޅުވީ، ރައްޔިތުންނާއި ސަރުކާރާ ދެމެދު ވަރުގަދަ ފާލަމެއްގެ ގޮތުގައި ތިބެ، ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލު ހޯދައިދިނުމަށް އެ ޓީމުން އަބަދުވެސް މަސައްކަތްކުރާނެ ކަމަށެވެ. މި ސަރުކާރުން ހުޅުމާލެ ފޭސް 2 ގެ ތަރައްގީއަށް ބޮޑު އިސްކަމެއް ދެމުންއަންނައިރު، މި މަޝްވަރާތަކާއެކު ކުރިއަށް އޮތް ތަނުގައި އެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑެތި އެދެވޭ ބަދަލުތަކެއް އަންނާނެ ކަމަށް ކޮމިޓީން ދެކެއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް