ރާއްޖެއަށް އެތެރެކުރާ މުދަލާއި ތެލުގެ އަގުތައް ބޮޑުތަނުން އުފުލެން މެދުވެރިވި މައިގަނޑު ސަބަބަކީ ފްރައިޓް ކޯސްޓާއި މުދާ އުފުލުމުގެ ޚަރަދު އިތުރުވުން ކަމަށް އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރ ޝިމާދު އިބްރާހިމް ވަނީ "އިގްތިސާދުގެ ދެފަރާތް" ފޯރަމުގައި ވިދާޅުވެފައެވެ.
އެގޮތުން މޭއި އަދި ޖޫން މަހު ތެލުގެ އަގު އެންމެ މައްޗަށް ދިޔަ ވަގުތު، ތެލުގެ އަގު 3 ގުނައަށް އުފުލިގެން ދިޔައެވެ. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން، އޮމާނުން ތެޔޮ އެތެރެކުރާއިރު "ވާ ރިސްކް" އިންޝުއަރެންސް ނަގަންޖެހުމާއި، ބޯޓުތައް ޗާޓަރުކުރުމުގެ އަގު 600،000 ޑޮލަރުން 950،000 ޑޮލަރަށް އުފުލުމަކީ ތެލުގެ އަގު ބޮޑުވި މައިގަނޑު ސަބަބުތަކެވެ.
ތެލުގެ އަގު މެނޭޖްކުރުމުގައި އެސްޓީއޯއަށް އެންމެ ބޮޑު ލުޔެއް ލިބުނީ އެކުންފުނީގެ އަމިއްލަ ދެ ބޯޓުގައި ތެޔޮ ގެނެވޭނެ އިންތިޒާމު ހަމަޖެހުމުންނެވެ. ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު އުފުލި، އަވަށްޓެރި ބައެއް ޤައުމުތަކުގައި ތެޔޮ ލިމިޓްކޮށްގެން ވިއްކަންޖެހުނު ހާލަތަށް ދިޔަނަމަވެސް، ސަރުކާރުގެ ސިޔާސަތުތަކާއެކު ރާއްޖޭގައި އެފަދަ ދަތި ހާލަތެއް މެދުވެރިނުވެ ވަނީ ހިފެހެއްޓިފައެވެ.



