މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން އާންމުކޮށްފައިވާ މާލީ ރިޕޯޓުގައިވާ ގޮތުން، މިދިޔަ ޖުލައި މަހު މުދަލު ޒަކާތުގެ ގޮތުގައި ދައުލަތަށް 17 މިލިޔަން ރުފިޔާ ވަނީ ލިބިފައެވެ.
މިއީ މިދިޔަ އަހަރުގެ ޖުލައި މަހު ލިބުނު 12 މިލިޔަން ރުފިޔާއާ އަޅާބަލާއިރު 43 އިންސައްތައިގެ އިތުރުވުމެކެވެ. މިއާއެކު، މިއަހަރުގެ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ޖުމްލަ 97 މިލިޔަން ރުފިޔާ ލިބިފައިވާއިރު، މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ލިބުނު 73 މިލިއަން ރުފިޔާއާ އަޅާބަލާއިރު 31 އިންސައްތައިގެ ކުރިއެރުމެކެވެ.
މޯލްޑިވްސް ޒަކާތު ހައުސްއިން އެންމެ ފަހުން ފައިސާއިން މުދަލު ޒަކާތް ނެރުން ވާޖިބުވާ ނިޞާބު ކަނޑައަޅާފައިވަނީ މިދިޔަ އެޕްރީލް މަހުގެ 21 ވަނަ ދުވަހުއެވެ. އެއީ ރިހީގެ ގުރާމަކަށް 36.70 ރުފިޔާގެ ރޭޓުން 595 ގުރާމަށްވާ 21،836.50 ރުފިޔާއެވެ. ދުނިޔޭގެ ބާޒާރުގައި ރަނާއި ރިހީގެ އަގަށް އަންނަ ބަދަލުތަކާ ގުޅިގެން ނިޞާބުގެ މިންވަރަށް ބަދަލު އަންނައިރު، ރާއްޖޭގައި މުދަލު ޒަކާތް ބަލައިގަންނަނީ މީރާއިންނެވެ. މީރާގެ ވެބްސައިޓް މެދުވެރިކޮށް އޮންލައިންކޮށް ޒަކާތް ދެއްކުމުގެ އިންތިޒާމު ވަނީ ހަމަޖައްސައިފައެވެ.
މިއަހަރުގެ ހައްޖުމަހުގެ 1 ވަނަ ދުވަހާ ހަމައަށް ފަގީރުންނާއި މިސްކީނުންގެ ދަފުތަރުގައި ރަޖިސްޓަރީވެފައިވާ 2،384 ފަރާތަކަށް މުދަލު ޒަކާތުގެ ފައިސާ މިދިޔަ މަހު ވަނީ ޖަމާކޮށްދީފައެވެ. އެގޮތުން ޖުމްލަ 13،112،000 (ތޭރަ މިލިއަން އެއްލައްކަ ބާރަހާސް) ރުފިޔާ ބަހާފައިވާއިރު، ބޮލަކަށް ޖެހިފައިވަނީ 5،500 ރުފިޔާއެވެ. މިއީ މިހާތަނަށް މުދަލު ޒަކާތުގެ ގޮތުގައި ބޮލަކަށް ޖެހުނު އެންމެ ބޮޑު އަދަދެވެ.





