މިރާ އޮފީސް / ފޮޓޯ: މީރާ

މޯލްޑިވްސް އިންލޭންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ ތަފާސްހިސާބުތައް ދައްކާގޮތުން، މިދިޔަ ޖުލައި މަހު ދައުލަތަށް 3.41 ބިލިޔަން ރުފިޔާގެ އާމްދަނީއެއް ލިބިފައިވެއެވެ.

މިއީ މީރާއިން ލަފާކުރި މިންވަރަށްވުރެ 3.6 އިންސައްތަ ދަށް އަދަދެއް ނަމަވެސް، މިދިޔަ އަހަރުގެ ޖުލައި މަހާ އަޅާބަލާއިރު މިއީ 0.2 އިންސައްތައިގެ ކުރިއެރުމެކެވެ. މީގެ ތެރޭގައި 108.36 މިލިޔަން އެމެރިކާ ޑޮލަރުވެސް ހިމެނޭއިރު، މިއީ މިދިޔަ އަހަރަށްވުރެ 1.3 އިންސައްތައިގެ އިތުރުވުމެކެވެ. އާމްދަނީގެ 18.4 އިންސައްތައަކީ ކުރީގެ ސުންގަޑިތަކަށް ދައްކާފައިވާ ފައިސާއެވެ.

އާމްދަނީ އިތުރުވުމަށް މެދުވެރިވި މައިގަނޑު ސަބަބުތަކުގެ ތެރޭގައި ބޭންކް އިންކަމް ޓެކްސް، ބިން ވިއްކުމާއި ބަދަލުކުރުމުގެ ފީ، ޖީޖީއެސްޓީ އަދި ރިޒޯޓު ކުލި އިތުރުވުން ހިމެނެއެވެ. ޚާއްސަކޮށް ބޭންކް އިންކަމް ޓެކުހުގެ އެޑްވާންސް އަދި އިންޓަރިމް ޕޭމަންޓްތައް އިތުރުވުމާއި، ޖީއެސްޓީ ސުންގަޑިއަށް ފައިސާ ދެއްކުން ފާހަގަކުރެވެއެވެ. އަނެއްކޮޅުން، ލަފާކުރި ވަރަށްވުރެ އާމްދަނީ ދަށްވީ ކުންފުނިތަކާއި އަމިއްލަ ފަރުދުން ނޫން ފަރާތްތަކުގެ ޓެކުހާއި ނަން-ރެޒިޑެންޓް ވިތުހޯލްޑިންގ ޓެކްސް ދަށްވުމުންނެވެ. އަދި އިންކަމް ޓެކްސްގެ ސުންގަޑި ބަންދު ދުވަހަކާ ދިމާވުމުން މުއްދަތު އިތުރުކުރުމާއި، ފަތުރުވެރިންގެ އަދަދު 3.1 އިންސައްތައިން ދަށްވުންވެސް މީގެ ސަބަބުތަކުގެ ތެރޭގައި ހިމެނެއެވެ.

ޖުލައި މަހު ނުލިބިހުރި ފައިސާ ހޯދުމަށް ކުރި މަސައްކަތުން 449 މިލިޔަން ރުފިޔާ ހޯދާފައިވެއެވެ. މީގެ ތެރޭގައި ނޯޓިސް ފޮނުވައިގެން 248 މިލިޔަން، ޑިއުސް ކްލިއަރެންސްއިން 92 މިލިޔަން، އިންސްޓޯލްމަންޓުން 78 މިލިޔަން އަދި ފޯނު ކޯލު މެދުވެރިކޮށް 30 މިލިޔަން ރުފިޔާ ހިމެނެއެވެ. މިއީ ޖުމްލަ އާމްދަނީގެ 11 އިންސައްތައެވެ.

އާމްދަނީގެ އެންމެ ބޮޑު ބައެއް ހިއްސާކުރީ:

  • އާމްދަނީން ނަގާ ޓެކްސް: 1.66 ބިލިޔަން ރުފިޔާ (48.⁦6%⁩)

  • ޖީއެސްޓީ: 1.04 ބިލިޔަން ރުފިޔާ (30.⁦4%⁩)

  • ގްރީން ޓެކްސް: 142 މިލިޔަން ރުފިޔާ (4.⁦2%⁩)

  • އެއަރޕޯޓް ޑިވެލޮޕްމެންޓް ފީ: 136 މިލިޔަން ރުފިޔާ (4%)

  • ޑިޕާޗަރ ޓެކްސް: 134 މިލިޔަން ރުފިޔާ (3.⁦9%⁩)

  • ބިން ވިއްކުމާއި ބަދަލުކުރުމުގެ ފީ: 81 މިލިޔަން ރުފިޔާ (2.⁦4%⁩)

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް