ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖެ ސަރަހައްދުގައި ބޯވިއްސާރަ ވިލާ އުފެދުމުގެ ފުރުސަތު ބޮޑުވެފައިވާތީ، މިރޭ ރާއްޖޭގެ ބޮޑުބަޔަކަށް ވިއްސާރަކޮށް ގުގުރުމާއެކު ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހޭނެކަމަށް މޫސުމާ ބެހޭ ޤައުމީ އިދާރާ (މެޓް އޮފީހުން) ވަނީ ލަފާކޮށްފައެވެ.
މެޓް އޮފީހުން ހާމަކުރެއްވި ގޮތުގައި، ދެކުނުގެ އަތޮޅުތަކަށް ދެކުނާއި ހުޅަނގު ދެކުނުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި އެހެން ހިސާބުތަކަށް ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭއިރު، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލުގެ ބާރުމިނަށް ވައިގަދަވުން އެކަށީގެންވެއެވެ.
މޫސުމީ މައުލޫމާތުގައިވާ ގޮތުން ދެކުނުގެ ކަނޑުތަކާއި އެހެނިހެން ސަރަހައްދުތަކުގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވިނަމަވެސް، ވިލާގަނޑުގައި ކަނޑުތައް ގަދަވާނެއެވެ. ހުޅަނގު މޫސުމުގެ ބާރުގަދަވެ ރާއްޖޭގެ ސަރަޙައްދުގައި ބޯވިއްސާރަ ވިލާ އުފެދުމުގެ ފުރުސަތު ބޮޑުވެފައިވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުންނާއި އާންމު ރައްޔިތުންވެސް މޫސުމަށް ސަމާލުވެ، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ކަމާގުޅޭ އިދާރާތަކުން ވަނީ އިލްތިމާސްކުރައްވައިފައެވެ.




