ސްކޭމް މައްސަލަތަކުގައި ގެއްލުނު 35 މިލިއަން ރުފިޔާ ގެއްލި، 13 މިލިއަން ހޯދިފައިވާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ސްކޭމް މައްސަލަތަކުގެ އަދަދު 3،000 އަށް އަރާފައިވާއިރު، މި މައްސަލަތަކުގައި އާންމުންގެ އަތުން 35 މިލިއަނަށްވުރެ ގިނަ ދިވެހި ރުފިޔާ (35,144,703.32 ރ) ވަނީ ގެއްލިފައެވެ. ފުލުހުންގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި މީގެ ތެރެއިން އަނބުރާ ހޯދިފައިވަނީ 13 މިލިއަނަށްވުރެ ގިނަ ރުފިޔާ (13,296,072.51 ރ) އެވެ. މިގޮތުން ގެއްލުނު ފައިސާ އެއްކޮށް އަނބުރާ ހޯދިފައިވަނީ 1،196 މައްސަލައެއްގައި ކަމަށްވާއިރު، 279 މައްސަލައެއްގައި ފައިސާގެ ބައެއް ވަނީ ހޯދިފައެވެ.
މަކަރާއި ހީލަތުން ފައިސާ ހޯދުމަށް އެންމެ ގިނައިން ބޭނުންކޮށްފައިވަނީ އޮންލައިންކޮށް ވިޔަފާރިކުރުމުގެ ނަމުގައި ހިންގާ "އީ-ކޮމާސް" ސްކޭމްތަކެވެ. މިފަދަ 1،478 މައްސަލައެއް ރިޕޯޓްކޮށްފައިވާއިރު، ބޭރު ފައިސާ މާރުކުރުމުގެ ނަމުގައި ހިންގި 540 ސްކޭމް މައްސަލައާއި، އެކި ފަރާތްތަކުގެ ނަމުގައި އޮޅުވާލައިގެން ހިންގި 439 މައްސަލަ ހިމެނެއެވެ. މިފަދަ އޮޅުވާލުންތައް އާންމުކޮށް ހިންގަނީ ސޯޝަލް މީޑިއާ އަދި މުވާސަލާތީ މަންސަތައް މެދުވެރިކޮށް ކަމަށްވާއިރު، އެންމެ ގިނައިން ފާހަގަކުރެވިފައިވަނީ ފޭސްބުކް މާކެޓްޕްލޭސް (1،093 މައްސަލަ) އަދި ވައިބަރ (911 މައްސަލަ) ބޭނުންކޮށްގެން ހިންގާފައިވާ މައްސަލަތަކެވެ. މީގެއިތުރުން ފޭސްބުކް، ފޯނު ކޯލް، އައިބޭ، ޓެލެގްރާމް، ވަޓްސްއަޕް، އިންސްޓަގްރާމް އަދި ޓިކްޓޮކް މެދުވެރިކޮށްވެސް މިފަދަ ސްކޭމްތައް ވަނީ ހިންގާފައެވެ.



