ޝިފާއު ގޭބަންދަށް ބަދަލުކުރަން ހައިކޯޓުން ދެކޮޅުހަދައިފި

ވަގު ޓެލެގްރަފިކް ޓްރާންސްފާ (ޓީޓީ) ފޮނުވައިގެން ބޭރުގެ ކުންފުނިތަކުން ވިޔަފާރިކުރި މައްސަލައިގައި 109 އަހަރަށް ޖަލަށް ލައި، 7 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވާ ހުސެއިން ޝިފާއުގެ އިސްތިއުނާފުން ގޮތެއް ކަނޑައެޅެންދެން އޭނާ ގޭ ބަންދަށް ބަދަލު ކުރަން ހައިކޯޓުން ދެކޮޅު ހަދައިފިއެވެ.

ޝިފާއުގެ މައްޗަށް ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އުފުލި 23 ދައުވާ ސާބިތުވެ، މިދިޔަ ޑިސެމްބަރު މަހުގެ 18 ގައި ކްރިމިނަލް ކޯޓުން ވަނީ އޭނާ 109 އަހަރަށް ޖަލަށްލުމަށް ހުކުމްކޮށްފައެވެ.

މި ހުކުމް ޝިފާއުގެ ފަރާތުން އިސްތިއުނާފުކޮށް، ހައިކޯޓުގައި އެދިފައިވަނީ:

 ހުކުމް ތަންފީޒުކުރުން ފަސްކޮށްދިނުމަށް

 ކަފާލާތުގެ ދަށުން ވަގުތީ ގޮތުން ގޭ ބަންދަށް ބަދަލުކޮށްދިނުމަށް

ޝިފާއުގެ ފަރާތުން ބުނެފައިވަނީ ޖަލުގައި ބަންދުކޮށްފައި ހުރުމުގެ ސަބަބުން، ލިޔެކިޔުންތައް ހޯދައި ވަކީލާ މަޝްވަރާކުރުމަށް ހުރަސްއެޅި، އިސްތިއުނާފުކުރުމުގެ ހައްގަށް އަސަރުކުރާ ކަމަށެވެ.

ނަމަވެސް، ހައިކޯޓުގެ ތިން ފަނޑިޔާރުންގެ އިއްތިފާގުން މިއަދު ނިންމެވީ ޝިފާއު ކަފާލާތަށް އެދިފައިވަނީ ޖިނާއީ އިޖުރާއަތުގެ ގާނޫނުގައިވާ ގޮތުގެ މަތިން ނޫން ކަމަށެވެ. އެހެންކަމުން ހުކުމް ތަންފީޒުކުރުން ފަސްކުރުމަށް ނުވަތަ ކަފާލާތުގެ ދަށުން ގޭބަންދަށް ދޫކޮށްދިނުމަށް އަމުރެއް ނެރެންޖެހޭ ގާނޫނީ އަސާސެއް ނެތް ކަމަށް ކޯޓުން ކަނޑައެޅިއެވެ.

ޝިފާއުގެ މައްޗަށް ބޮޑު ހުކުމެއް އިއްވި ނަމަވެސް، މައްސަލައިގައި ހިމެނޭ 123،000 ޑޮލަރު ހުރި ތަނެއް ދައުލަތަށް ބުނެދެވިފައިނުވާތީ، އެ ފައިސާ ދައުލަތަށް ނަގަން ދަށު ކޯޓުން އަމުރެއް ނުކުރެއެވެ. ޝިފާއުއަކީ މި ސަރުކާރުގެ އެގްރިކަލްޗާ މިނިސްޓްރީގެ ސީނިއާ ޕޮލިޓިކަލް ޑިރެކްޓަރުގެ މަގާމުން ދާދިފަހުން ވަކިކުރި މީހެކެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް