ތަރައްގީގެ މަޝްރޫއުތަކަށް ކައުންސިލްތަކުގެ ބިން ސަރުކާރަށް ނެގޭ ބިލު މަޖިލީހަށް ބަލައިގެންފި

ސަރުކާރުގެ ތަރައްގީގެ މަޝްރޫޢުތައް ހިންގުމަށްޓަކައި ކައުންސިލްތަކުގެ އިހުތިސާސްގެ ތެރޭގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް "ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ޤާނޫނު" އަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހަށް ވަނީ ބަލައިގެންފައެވެ.

ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙަންނާނު އަބޫބަކުރު އަމިއްލަގޮތުން ހުށަހެޅުއްވި މި ބިލު މަޖިލީހަށް ބަލައިގަތީ 55 މެންބަރުންގެ ވޯޓުންނެވެ. މި ބިލު ހުށަހެޅުއްވި މައިގަނޑު ސަބަބަކީ ސަރުކާރުގެ ތަރައްގީގެ މަޝްރޫޢުތައް ހަލުވިކަމާއެކު ކުރިއަށްގެންދިއުމަށްޓަކައި ކައުންސިލްތަކުގެ އެއްބާރުލުން ޤާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުމާއި، މަޝްރޫޢުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއަތުތައް ހަރުދަނާކުރުމެވެ.

މި އިސްލާހުގައިވާ ގޮތުން ކައުންސިލްގެ އިހުތިސާސްގެ ތެރޭގައިވާ ބިމެއްގައި ސަރުކާރުން މަޝްރޫޢެއް ހިންގަން ބޭނުންވެއްޖެނަމަ، އެ ތަނެއް ކައުންސިލުގެ އިހުތިސާސުން ވަކިކުރުމުގެ ނިންމުން ވަޒީރުންގެ މަޖިލީހަށް ނިންމޭނެއެވެ. އަދި އެ ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކުރުމުގެ ކުރިންވެސް ސަރުކާރަށް އެފަދަ ބިންތައް ނެގޭނެ ކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން، ރައްޔިތުންގެ ޖަމާޢީ މަންފާއަށް ސަރުކާރުން ހިންގާ މަޝްރޫޢުތަކަށް ކައުންސިލްތަކުން ފުރިހަމައަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށާއި، މަގުބޫލު ސަބަބެއް ނެތި އެފަދަ މަޝްރޫޢުތަކަށް ހުރަސްއެޅުމާއި މަސައްކަތް ހުއްޓޭފަދަ ނިންމުންތައް ނިންމުން ކައުންސިލްތަކަށް ވަނީ މަނާކޮށްފައެވެ. މި ބިލު މަޖިލީހަށް ބަލައިގަތުމާއެކު އިތުރަށް ދިރާސާކުރުމަށްޓަކައި މިހާރު ވަނީ ލާމަރުކަޒީ ކޮމިޓީއަށް ފޮނުވައިފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް