ރައީސް ޔާމީން އާއި ރައީސް މުއިއްޒު

މައި އިދިކޮޅު ޕާޓީ، އެމްޑީޕީއާއި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާ އަޅާކިޔާއިރު، އަދިވެސް އެމްޑީޕީގެ މައްޗަށް އިޚްތިޔާރުކުރައްވާނީ ރައީސް މުޢިއްޒު ކަމަށް ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ޢަބްދުއްޤައްޔޫމް ވިދާޅުވެއްޖެއެވެ.

ޕީއެންއެފުން ބޭއްވި ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ، އެމްޑީޕީއަކީ ނަމެއްގައި ޑިމޮކްރަޓިކް ޕާޓީއެއް ނަމަވެސް، ޑިމޮކްރަސީގެ ހުރިހާ އަސާސްތަކަށް ފާޅުގައި އަރައިގަނެ، ދައުލަތުގެ މުއައްސަސާތަކާއި ފަނޑިޔާރުގެއަށް ނުފޫޒު ފޯރުވަން މަސައްކަތްކުރި ބައެއް ކަމަށެވެ. އަދި ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙާއި ރައީސް މުޢިއްޒާ އަޅާކިޔައިފިނަމަ، ކޮންމެ ވަގުތެއްގައިވެސް އިޚްތިޔާރުކުރައްވާނީ ރައީސް މުޢިއްޒު ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖެއަކީ އިސްލާމީ ދައުލަތެއްކަމުން އޮންނަންޖެހޭނީ މި ގައުމާ ގުޅޭފަދަ ޑިމޮކްރަސީއެއް ކަމަށާއި، ނަމަވެސް ޑިމޮކްރަސީއަށް އަބަދުވެސް ބަދަލުތައް އަންނަންޖެހޭނެ ކަމަށް ޔާމީން ވިދާޅުވިއެވެ.

މީގެއިތުރުން، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނަކީ ކޮންމެހެން ތައުލީމީ ބޭފުޅުންނަށް ވާންނުޖެހޭ ކަމަށް އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް ވިދާޅުވި ވިދާޅުވުމަށް ފާޑުވިދާޅުވަމުން، ކޮރަޕްޝަނާއި ނޭދެވޭ ކަންކަން ނައްތާލުމަށްޓަކައި އިލްމަކީ އެންމެ މުހިންމު ވަސީލަތް ކަމަށް ޔާމީން ވިދާޅުވިއެވެ. އަދި އިލްމުވެރި ބަޔަކު ތިބޭނަމަ ކޮރަޕްޝަންގެ ކަންކަން ކުރަން ޖެހިލުންވާނެ ކަމަށާއި، އެމްޑީޕީން ގެންނަން އުޅޭ "ބޮޑު ބަދަލަކީ" ރައްޔިތުންނަށް އުފުލޭވަރުގެ ކަމެއް ނޫން ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް