"މަހާޖައްރާފު" ފަދަ ބޮޑެތި އުޅަނދުފަހަރު މަރާމާތުކޮށް ސާވިސް ކުރެވޭނެ ފަދަ ޑްރައި ޑޮކިންގ ފެސިލިޓީއެއް ޤާއިމުކުރުމަށް ސަރުކާރުން ހުއްދަ ދެއްވާފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.
ދައުލަތުގެ މީޑިއާ "ޕީއެސްއެމް ނިއުސް"އަށް ދެއްވި އިންޓަވިއުއެއްގައި އެމްޓީސީސީގެ މެނޭޖިންގ ޑިރެކްޓަރ އަހުމަދު ސައުދީ ވިދާޅުވީ، މި މަޝްރޫޢަށް ބޭނުންވާ ބިން މި މަހުގެ ތެރޭގައި ހަމަޖެހޭނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށާއި، ބިން ލިބުމާއެކު އަމަލީ މަސައްކަތް ފަށާނެ ކަމަށެވެ. މި މަޝްރޫޢުގެ މައިގަނޑު މަގުސަދަކީ ކުންފުނީގެ އާމްދަނީ އިތުރުކުރުމާއެކު، ބޭރު ފައިސާއިން ކުރަންޖެހޭ ބޮޑެތި ހޭދަތައް ކުޑަކުރުމެވެ.
އެމްޓީސީސީން ބޭނުންކުރާ ބޮޑެތި އުޅަނދުތަކަކީ އިންޓަނޭޝަނަލީ ރެޖިސްޓާކޮށް ކްލާސްކޮށްފައިވާ އުޅަނދުތަކަށްވާތީ، ވަކި މުއްދަތުތަކެއްގައި ސާވިސްކުރުމަށް ރާއްޖެއިން ބޭރުގެ ޑޮކިންގ ފެސިލިޓީތަކަށް ގެންދަންޖެހުމުގެ ސަބަބުން ބޭރު ފައިސާއިން ބޮޑު ހަރަދެއް ކުރަންޖެހެއެވެ. މިހާރު ތިލަފުށީގައި އުޅަނދުފަހަރު މަރާމާތުކުރި ނަމަވެސް، ޖާގައިގެ ދަތިކަން ހުރުމުން ބޮޑެތި އިންވެސްޓްމެންޓްތަކަށް ހުރަސްތަކެއް ހުރިކަން ސައުދީ ފާހަގަކުރެއްވިއެވެ. ސަރުކާރާ ގުޅިގެން އެކުލަވާލާ ޕްލޭންގެ ދަށުން ގާއިމުކުރާ މި އައު ފެސިލިޓީގެ ތެރޭގައި ޓްރާންޝިޕްމެންޓް ޕޯޓަކާއި ބަންކަރިންގ ފެސިލިޓީއެއްވެސް ގާއިމުކުރުމުގެ ވިސްނުން ހުރިއިރު، މީގެ ސަބަބުން ކުންފުނީގެ ވިޔަފާރި ފުޅާވެ، އާމްދަނީ އިތުރުވެގެންދާނެއެވެ.



