ދެކުނު އޭޝިއާގެ ސަރަޙައްދީ އެއްބާރުލުމާ ބެހޭ ޖަމްޢިއްޔާ (ސާރކް) ގެ ސެކްރެޓަރީ ޖެނެރަލް، ހިސް އެކްސެލެންސީ މުޙައްމަދު ޤޯލާމް ސަރުވާރު، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ އަރިހަށް މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ވަދާއީ އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސެކްރެޓަރީ ޖެނެރަލްގެ ދައުރުގައި ދެއްވި އިޚްލާޞްތެރި ޚިދުމަތާއި އެއްބާރުލުމަށްޓަކައި ޝުކުރު އަދާކުރައްވާފައެވެ. އަދި ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މަސްރަޙުގައި ސާރކުން އަދާކުރާ މުހިންމު ދައުރު ފާހަގަކުރައްވައި، ސާރކް ވަރުގަދަކުރުމަށް ދިވެހި ސަރުކާރުން ދޭ އަހައްމިއްޔަތު ތަކުރާރުކުރައްވައި، ސެކްރެޓަރީ ޖެނެރަލްގެ ޤާބިލު ހިންގެވުމަށް ރައީސް ތަޢުރީފު ކުރެއްވިއެވެ.
ސާރކްގެ ސެކްރެޓަރީ ޖެނެރަލްގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއިން ވެދެއްވި ސާބިތު އެއްބާރުލުމަށްޓަކައި އިޚްލާޞްތެރިކަމާއެކު ޝުކުރު އަދާކުރެއްވިއެވެ. އަދި ސާރކް އުފެއްދި ބާނީ ޤައުމެއްގެ ގޮތުގައި ދިވެހިރާއްޖޭގެ މުހިންމުކަން ފާހަގަކުރައްވައި، އެ ޖަމްޢިއްޔާއަށް އާ ދިރުމެއް ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ކުރައްވަމުންދާ މަސައްކަތްޕުޅުތަކަށް ޝުކުރު އަދާކުރެއްވިއެވެ. މީގެއިތުރުން، ދެބޭފުޅުން ވަނީ ސާރކްގެ މުހިންމު ނިންމުންތަކަށް އަލިއަޅުވާލައްވައި، ސަރަޙައްދީ އެކުވެރިކަމާއި އިޖުތިމާޢީ އަދި އިޤްތިޞާދީ ކުރިއެރުން އިތުރަށް ހަރުދަނާކުރެވިދާނެ ގޮތްތަކާމެދު މަޝްވަރާކުރައްވާފައެވެ.
ބައްދަލުވުން ނިންމަވާލައްވަމުން، ރައީސުލްޖުމްހޫރިއްޔާ ވަނީ ސެކްރެޓަރީ ޖެނެރަލްގެ މުސްތަޤުބަލަށް ހެޔޮއެދުންތައް އަރިސްކުރައްވައި، ސާރކްގެ މެންބަރު ޤައުމުތަކުގެ މެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް މަސައްކަތްކުރެއްވުމުގެ ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ.
ދިވެހިރާއްޖެއަކީ 8 ޑިސެމްބަރު 1985 ގައި ޑާކާގައި ސާރކް ޗާޓަރުގައި ސޮއިކޮށް، އެ ޖަމްޢިއްޔާ އުފެއްދި ބާނީ ޤައުމުތަކުގެ ތެރެއިން އެއް ޤައުމެވެ.




