ސައިބާ ނުރައްކަލުން ދަރިން ރައްކާތެރިކުރުމަށް ބެލެނިވެރިނެ ހޭލުންތެރިކުރުވައިފި

ހއ. މޮޅަދޫ ސްކޫލުގެ ދަރިވަރުންނާއި ބެލެނިވެރިން ހޭލުންތެރިކުރުވުމަށް މައުލޫމާތު ދިނުމުގެ ހާއްސަ ސެޝަންތަކެއް މި އޮގަސްޓު މަހުގެ 6 ވަނަ ދުވަހު ކުރިއަށް ގެންގޮސްފިއެވެ.

އިހަވަންދޫ ޕޮލިސް ސްޓޭޝަނާއި، މޮޅަދޫ ޕޮލިސް ޑެސްކް އަދި އެ ރަށު ކައުންސިލް ގުޅިގެން ކުރިއަށް ގެންދިޔަ މި ޕްރޮގްރާމަކީ ކުށްމަދު، އަމާން މުޖުތަމައެއް ބިނާކުރުމަށާއި ކުށްތަކުން ރައްޔިތުން ރައްކާތެރިކުރުމުގެ މަގުސަދުގައި ބޭއްވި ސެޝަންތަކެކެވެ.

މޮޅަދޫ ސްކޫލުގެ ގްރޭޑް 4 އިން 10 އާ ހަމައަށް ތައުލީމު ހާސިލުކުރަމުންދާ ދަރިވަރުންނަށް އަމާޒުކުރި ސެޝަންގައި، އިންޓަނެޓާއި ސޯޝަލް މީޑިއާގެ ފައިދާއާއި ގެއްލުމުގެ އިތުރުން، އިންޓަނެޓް ބޭނުންކުރުމުގައި ރައްކާތެރިވުމުގެ ގޮތުން އެޅިދާނެ ފިޔަވަޅުތަކާއި، ރަނގަޅު ގޮތުގައި އިންޓަނެޓް ބޭނުންކުރާނެ ގޮތްތައް ވަނީ ބުނެދީފައެވެ.

މީގެ އިތުރުން، ބެލެނިވެރިންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދިޔަ ސެޝަންގައި ބެލެނިވެރިކަމުގެ ހުނަރުތަކާއި، ދަރިންގެ އުމުރާ ގުޅޭގޮތުން ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. އެގޮތުން ސައިބާ ސޭފްޓީއާއި، އާންމުކޮށް ބޭނުންކުރާ އެޕްލިކޭޝަންތަކުގައި "ޓޫ-ފެކްޓާ އޮތެންޓިކޭޝަން" ހަދާނެ ގޮތާއި، އޮންލައިން ގޭމުތައް ކުޅޭއިރު ސަމާލުވާންޖެހޭ ކަންކަމާއި ސައިބާ ނުރައްކާތަކުން ސަލާމަތްވުމަށް ކުރެވޭނެ ކަންކަން ދަސްކޮށްދީފައިވެއެވެ. އަދި "ގޫގަލް ފެމިލީ ލިންކް" މެދުވެރިކޮށް ކުދިން ބޭނުންކުރާ ޑިވައިސްތައް ބެލެނިވެރިން މެނޭޖުކުރާނެ ގޮތްތަކާ ގުޅޭގޮތުންވެސް މި ސެޝަންގައި ވަނީ މައުލޫމާތު ދީފައެވެ.

ރިއެކްޓް އަދި ކޮމެންޓް ކުރެއްވުމަށް

ކޮމެންޓް ކުރެއްވުމަށް