ދިވެހިރާއްޖޭގެ ވަޒީފާގެ ބާޒާރާއި ކެރިއާ ޑިވެލޮޕްމަންޓްގެ ޚިދުމަތްތައް އެއް ފުރާޅެއްގެ ދަށުން ފޯރުކޮށްދިނުމަށް ފަރުމާކޮށްފައިވާ "މައި ކެރިއާ ޕޯޓަލް" މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައި މިނިސްޓާ އޮފް ހޯމްލޭންޑް ސެކިއުރިޓީ، ލޭބާ އެންޑް ޓެކްނޯލޮޖީ ޢަލީ އިޙުސާން ރަސްމީކޮށް އިފްތިތާޙުކޮށްދެއްވައިފިއެވެ.
މިއީ ނޭޝަނަލް ކެރިއާ ސާވިސް (އެންސީއެސް) އިން އިސްނަގައިގެން، ވޯލްޑް ބޭންކުގެ އެހީގައި ކުރިއަށްގެންދާ "ސެއިލްސް" ޕްރޮޖެކްޓުގެ ދަށުން ތަރައްޤީކޮށްފައިވާ ރަސްމީ ޕްލެޓްފޯމެކެވެ. މި ޕޯޓަލްގެ މައިގަނޑު މަޤުޞަދަކީ ވަޒީފާ ހޯދާ ފަރާތްތަކާއި، ވަޒީފާދޭ ފަރާތްތަކުގެ އިތުރުން ކެރިއާ އެޑްވައިޒަރުން އެއް ވިއުގައަކުން ގުޅުވާލައި، ރާއްޖޭގެ މަސައްކަތްތެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާކޮށް ލުއިފަސޭހަ ނިޒާމެއް ގާއިމުކުރުމެވެ.
މި ޕްލެޓްފޯމުގައި ވަޒީފާގެ ފުރުޞަތުތަކުގެ އިތުރުން، މުސްތަޤުބަލު ބައްޓަންކުރުމަށް އެހީތެރިވެދޭނެ ތަފާތު ގިނަ ވަސީލަތްތަކެއް ހިމެނެއެވެ. އޭގެ ތެރޭގައި، ތަމްރީނުލިބިފައިވާ ކައުންސިލަރުން މެދުވެރިކޮށް އިރުޝާދުދޭ "ކެރިއާ ގައިޑަންސް" އާއި، ކުރިއަށްދާނެ ދުރު ރާސްތާގެ މަގުޗާޓެއް ކުރަހައިދޭ "ކެރިއާ ޕާތުވޭ ޑިޒައިނާ" ހިމެނެއެވެ. އަދި އަމިއްލަ ތަޢުލީމާއި ތަޖުރިބާ އެއް ފެނުމަކުން ބަލާލެވޭ "މައިލްސްޓޯން ޓްރެކާ" ގެ އިތުރުން، މީހާގެ ހުނަރާ ގުޅޭ ވަޒީފާތައް އޮޓޮމެޓިކުން ހުށަހަޅައިދީ ވަޒީފާއަށް ކުރިމަތިލުމުގެ މަރުހަލާ ލުއިކޮށްދޭ ޚިދުމަތްތައްވެސް ހިމެނެއެވެ.
ޤާބިލު އަދި ހުނަރުވެރި ޒުވާން މަސައްކަތްތެރި ޖީލެއް ބިނާކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވެވަޑައިގެންފައިވާ ރިޔާސީ ވަޢުދުފުޅާ އެއްގޮތަށް ތައާރަފުކުރި މި ޕޯޓަލްގެ ބޭނުން މިހާރުން ފެށިގެން ވެބްސައިޓް މެދުވެރިކޮށް ހިފޭނެއެވެ.



