ސިއްހީ ޚިދުމަތް ހޯދުމަށް މާލެއަށް ބަރޯސާވާ މިންވަރު ކުޑަކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، ރާއްޖޭގެ ތިން ރަށެއްގައި އެމްއާރްއައި އަދި ހަތް ރަށެއްގައި ސީޓީ ސްކޭންގެ ޚިދުމަތް ތައާރަފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ސިއްހީ ކަންކަމާއި އާއިލާއާއި ދުޅަހެޔޮކަމާ ބެހޭ ވަޒީރު ގީލާ އަލީ ވިދާޅުވެއްޖެއެވެ.
ރައްޔިތުންގެ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުން ވަޒީރު ވިދާޅުވީ، މިހާރު މާލެއިން ބޭރުން އެމްއާރްއައިގެ ޚިދުމަތް ލިބެނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލާއި، އައްޑޫ އިކުއިޓޯރިއަލް ހޮސްޕިޓަލުގެ އިތުރުން، މި ސަރުކާރުން 2024 ގެ ޑިސެމްބަރުގައި ޚިދުމަތް ފެށި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުން ކަމަށެވެ. އަދި އަލަށް މި ޚިދުމަތް ތައާރަފުކުރުމަށް ތައްޔާރުވަމުންދަނީ ގދ. ތިނަދޫ، ލ. ގަން، އަދި ފުވައްމުލަކު ސިޓީގައެވެ.

މީގެ އިތުރުން، މިހާރު ސީޓީ ސްކޭންގެ ޚިދުމަތް ދެމުންދާ ތިނަދޫ، ފުވައްމުލައް އަދި އައްޑޫގެ އިތުރުން، މި އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ އިތުރު ހަތް ރަށެއްގައި ސީޓީ ސްކޭންގެ ޚިދުމަތް ގާއިމުކުރުމުގެ ތައްޔާރީތައް ވަމުންދާކަން ވަޒީރު ހާމަކުރެއްވިއެވެ. އެ ރަށްތަކަކީ ހއ. ދިއްދޫ، ބ. އޭދަފުށި، ޅ. ނައިފަރު، އދ. މަހިބަދޫ، ފ. ނިލަންދޫ، ދ. ކުޑަހުވަދޫ އަދި ލ. ފޮނަދޫއެވެ.
ވަޒީރު ވިދާޅުވީ މި މަޝްރޫއުތަކުގެ ސަބަބުން އަތޮޅުތަކުގެ ސިއްހީ ނިޒާމު އިތުރަށް ހަރުދަނާވެ، ރައްޔިތުންނަށް ރަށާގާތުން ފެންވަރު ރަނގަޅު ފަރުވާ ލިބުމަށް މަގުފަހިވާނެ ކަމަށެވެ.




