އިސްރާއީލުގެ އަސްކަރިއްޔާއިން ހައްޔަރުކޮށްފައިވާ ގާޒާގެ ފަލަސްތީނު ރައްޔިތަކު ބަންދުގައި ހުއްޓާ މަރުވިކަން، އޭނާ މަރުވިތާ ދެ އަހަރެއްހާ ދުވަސް ފަހުން އިސްރާއީލުގެ ޖަލުތަކާ ބެހޭ އިދާރާއިން ކަށަވަރުކޮށްދީފިއެވެ.
ފަލަސްތީނުގެ ގައިދީންގެ ކަންކަމާ ބެހޭ ކޮމިޝަނުން ހާމަކުރި ގޮތުގައި، އިސްރާއީލުން ކަށަވަރުކޮށްދީފައިވަނީ އުމުރުން 36 އަހަރުގެ އިހާބު މުހައްމަދު އަބްދުލް ގާދިރު ދިޔާބު މަރުވިކަމެވެ.
ދިޔާބު އިސްރާއީލުގެ އަސްކަރިއްޔާއިން ހައްޔަރުކޮށްފައިވަނީ 12 ޑިސެމްބަރު 2023 ގައެވެ. އިސްރާއީލުގެ ޖަލުތަކާ ބެހޭ އިދާރާއިން ބުނެފައިވާ ގޮތުގައި އޭނާ މަރުވެފައިވަނީ ސިއްހީ މައްސަލައެއްގެ ސަބަބުން 18 ސެޕްޓެމްބަރު 2024 ގައެވެ. ނަމަވެސް ދިޔާބުގެ އާއިލާއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ. އާއިލާއިން ބުނި ގޮތުގައި ހައްޔަރުކުރި އިރު އޭނާގެ އެއްވެސް ބައްޔެއް ނެތް ކަމަށާއި، އޭނާ ހުރީ މުޅިން ސާފު، ރަނގަޅު ސިއްހަތެއްގައެވެ.
ފަލަސްތީނުގެ އިދާރާތަކުން ބުނާ ގޮތުގައި، އިސްރާއީލުން ގައިދީން މަރުވާ މައުލޫމާތު ވަންހަނާކޮށް، ސިއްރުކުރުމަކީ ނިޒާމީ ގޮތެއްގައި ހިންގާ އަމަލެކެވެ. 1967 ވަނަ އަހަރުން ފެށިގެން އިސްރާއީލުގެ ބަންދުގައި ތިއްބާ މަރުވި ފަލަސްތީނު ބަންދީންގެ އަދަދު މިހާރު ވަނީ 328 އަށް އަރާފައެވެ. މީގެ ތެރެއިން 91 މީހުން މަރުވެފައިވަނީ 7 އޮކްޓޯބަރު 2023 ގެ ފަހުން ކަމަށްވެސް އެ ކޮމިޝަނުން ފާހަގަކުރެއެވެ.




