ބާޒާރުގައި ތަކެތީގެ އަގު މައްޗަށް ދިއުމާ ގުޅިގެން ކަންބޮޑުވުން ފާޅުކުރުމަށް "ދަތިވެއްޖެ" ނަމުގައި އިދިކޮޅު އެމްޑީޕީން ބާއްވާ މުޒާހަރާ މަޖީދީމަގުގައި ކުރިއަށްގެންދިއުމުގެ ހުއްދައަށް އެދި ފުލުހުންނަށް ހުށަހަޅައިފިއެވެ.
އިސްކަންދަރު ކޮށީގައި ފުލުހުންނާއެކު ބޭއްވި މަޝްވަރާ ބައްދަލުވުމަށްފަހު އެމްޑީޕީގެ ފުރަތަމަ ސަރުކާރުގެ ޑިފެންސް މިނިސްޓަރު އަމީން ފައިސަލް ވިދާޅުވީ، މަޖީދީމަގުން މުޒާހަރާ ކުރިއަށްގެންދިއުމަށް ހުށަހެޅުމުން، އިސްވެރިންނާ މަޝްވަރާކުރުމަށްފަހު ޖަވާބެއް ދޭނެކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ. އަދި މިފަހަރު މަޖީދީމަގުން ހުއްދަ ލިބޭނެކަމަށް ބެލެވޭ ކަމަށާއި، މުޒާހަރާ ކުރިއަށްދާނީ ސުލްހަވެރިކަމާއެކު ޝުއޫރު ފާޅުކުރާ ގޮތަށް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
އާންމުންގެ ދިރިއުޅުމަށް ދަތިވަމުންދާތީ އެކަމުގެ ކަންބޮޑުވުން ފާޅުކުރުމަށް އަންނަ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ބާއްވާ މި މުޒާހަރާއަށް ތައްޔާރުވުމުގެ ގޮތުން މާލޭގެ އެކި ސަރަހައްދުތަކުގައި އެމްޑީޕީން ވަނީ ބެނާ ދަމައިފައެވެ. އެ ޕާޓީން ރާވާފައިވަނީ ސޯޝަލް ސެންޓަރު ސަރަހައްދުން މުޒާހަރާ ފަށައި، މަޖީދީމަގުން ކުރިއަށް ގެންދިއުމަށެވެ.




