ކ. ގުރައިދޫގެ ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލައި، ކާރިސާތަކަށް ތައްޔާރުވުމުގެ މަސައްކަތު ބައްދަލުވުންތަކެއް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން މިއަދު ފަށައިފިއެވެ.
މި މަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށް ކުރިއަށްދާ މި ޕްރޮގްރާމްގައި ގުރައިދޫ ކައުންސިލާއި ރަށުގެ މުހިއްމު މުއައްސަސާތަކުގެ ބޭފުޅުން ބައިވެރިވެވަޑައިގަންނަވައެވެ.

އެންޑީއެމްއޭގެ ޑިރެކްޓަރު އޮފް ޕްރޮގްރާމްސް، ރިސާޗް އެންޑް އެޑްވޮކަސީ ހަސަން ޒިޔާއު މައުލޫމާތު ދެއްވި ގޮތުގައި، ފުރަތަމަ ތިން ދުވަހު ކުރިއަށްދާނީ ރަށުގެ މުއައްސަސާތަކާ ގުޅިގެން ޑިޒާސްޓަރ މެނޭޖްމަންޓް ޕްލޭން އެކުލަވާލުމުގެ މަސައްކަތެވެ. އަދި ފަހު ދެ ދުވަހު އޮންނާނީ ކުއްލި ހާލަތްތަކުގައި ހަރަކާތްތެރިވާނެ ކޮމިއުނިޓީ ބޭސްޑް އެމަޖެންސީ ރެސްޕޮންސް ޓީމު (ސާޓް) ތަމްރީނުކުރުމެވެ.

މި ޕްރޮގްރާމަކީ 2012 އިން ފެށިގެން ބޭނުންކުރަމުން އައި ފްރޭމްވޯކް އިސްލާހުކޮށް، އަލަށް އެކުލަވާލި "ކޮމިއުނިޓީ ބޭސްޑް ރެސިލިއަންސް ބިލްޑިންގ" (ސީބީއާރުބީ) ފްރޭމްވޯކްގެ ދަށުން ކުރިއަށްގެންދާ ހަރަކާތެކެވެ. ލަގްޒަންބާގް، ޑެންމާކް އަދި ދެކުނު ކޮރެއާގެ އެހީއާއެކު ޔޫއެންޑީޕީގެ "ރިޑްސް އިން ސިޑްސް" ޕްރޮގްރާމްގެ މާލީ އެހީތެރިކަމާއެކު މި ޕްރޮގްރާމް ހިންގާއިރު، އެންޑީއެމްއޭއިން މިހާތަނަށް ވަނީ 72 ރަށެއްގައި މިފަދަ ޕްލޭންތައް އެކުލަވާލާފައެވެ



