ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހާ ދެކޮޅަށް ރައްޔިތުންގެ ސޮއި ހޯދުމުގެ ޕެޓިޝަނެއް ފަށައިފިއެވެ.
ސޯޝަލް މީޑިއާ އެކްޓިވިސްޓް މިދުއަމް ސައުދު އެކްސްގައި ކުރި ޕޯސްޓެއްގައި ހާމަކުރި މި ޕެޓިޝަނަކީ، ރައްޔިތުންގެ މަޖިލީހުގެ ތުޅާދޫ ދާއިރާގެ މެންބަރު ޢަބްދުލްޙައްނާން އަބޫބަކުރު ހުށަހަޅުއްވާފައިވާ ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި ހުށަހަޅާ ޕެޓިޝަނެކެވެ.
މި ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުގައި، މި އިސްލާހުގެ ސަބަބުން ރައްޔިތުންގެ ސީދާ ވޯޓުން އިންތިޚާބުކޮށްފައިވާ ކައުންސިލަރުންގެ ބާރުތައް ކެނޑި، އެ ބާރުތައް ވަޒީރުންގެ މަޖިލީހަށް ލިބިގެންދާނެއެވެ. އަދި ވަޒީރުންގެ މަޖިލީހުން ނިންމާ ނިންމުންތަކަށް އެއްބާރުލުން ނުދޭ ކަމަށް ބުނެ، ރައްޔިތުން ތަމްސީލުކުރާ ކައުންސިލަރުންނަށް ފިޔަވަޅު އެޅުމުގެ ފުރުސަތު މި ބިލުގެ ދަށުން ފަހިވެގެންދާނެ ކަމަށް ބުނެފައިވެއެވެ. ޕެޓިޝަންގައި މި އިސްލާހު ސިފަކޮށްފައިވަނީ ލާމަރުކަޒީ ގާނޫނުގެ ރޫހާ ހިލާފު، އަދި ރައްޔިތުންގެ ބާރުތައް ހަނިކުރުމަށް ހިންގާ އަމަލެއްގެ ގޮތުގައެވެ.
ނަމަވެސް، މި ބިލު ހުށަހެޅުއްވި މެންބަރު ޢަބްދުލްޙައްނާން މީގެކުރިން ވިދާޅުވެފައިވަނީ، މި އިސްލާހުގެ މައިގަނޑު ބޭނުމަކީ ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހަލުވި ދުވެއްޔެއްގައި ކުރިއަށް ގެންދިއުމަށްޓަކައި ކައުންސިލްތަކުގެ އެއްބާރުލުން ގާނޫނީ އޮނިގަނޑެއްގެ ތެރެއިން ކަށަވަރުކުރުން ކަމަށެވެ. އަދި ދައުލަތުގެ މަޝްރޫއުތަކަށް ބޭނުންވާ ބިންތަކާ ގުޅޭ އިޖުރާއަތްތައް ހަރުދަނާކުރުމަކީވެސް މި ބިލުގެ މަގްސަދެއް ކަމަށް އޭނާ ވަނީ ވިދާޅުވެފައެވެ.
މި އިސްލާހާ މެދު އާންމުންގެ ބޮޑު ކަންބޮޑުވުމެއް އުފެދިފައިވަނީ، ރަށެއްގެ ނުވަތަ ސިޓީއެއްގެ ފިޒިކަލް ޑިވެލޮޕްމަންޓް ޕްލޭން ފާސްކުރުމުގެ ކުރިންވެސް، ވަޒީރުންގެ މަޖިލީހުން ބޭނުންވެއްޖެ ހިނދެއްގައި ކައުންސިލްގެ އިހުތިސާސުން ބިން ވަކިކޮށް ސަރުކާރަށް ނެގޭނެ ގޮތަށް ބިލުގައި ހިމަނާފައިވުމުންނެވެ. މީގެކުރިންވެސް ސަރުކާރުގެ މަޝްރޫއުތަކަށް ބައެއް ކައުންސިލްތަކުން ބިން ނުދީ ހުރަސްއަޅާ ކަމުގެ ޝަކުވާ ސަރުކާރުން ކޮށްފައިވާއިރު، ކައުންސިލްތަކުގެ ދައުރު ހަމަވާން ގާތްވުމުން ބިންތަކާއި ފަޅުތައް ކުއްޔަށް ދިނުމާއި މުވައްޒަފުން ނެގުން ފަދަ ކަންކަން އެލްޖީއޭ އާއި ފިނޭންސް މިނިސްޓްރީގެ އުސޫލުތަކުގެ ތެރެއިން ނޫނީ ނުކުރެވޭ ގޮތަށް ގާނޫނަށް ވަނީ ކުރިންވެސް ބަދަލުތަކެއް ގެނެސްފައެވެ.




