އަންނަ ބުރާސްފަތި ދުވަހުގެ ރޭ "ދަތިވެއްޖެ" ގެ ނަމުގައި ބާއްވަން ތައްޔާރުވަމުންދަނީ އަހަރީ ދުވަހުގެ ފަރި ހިނގާލުމެއް ނޫން ކަމަށާއި، އެއީ ގައުމުގެ ހާލަތު ގޯސްވެ ތަކެތީގެ އަގާއި ޑޮލަރުގެ އަގު އިންތިހާއަށް އުފުލެމުންދާތީ އެކަމުގެ ކަންބޮޑުވުން ސަރުކާރަށް އިއްވުމަށް ބާއްވާ މުޒާހަރާއެއް ކަމަށް އިދިކޮޅު އެމްޑީޕީން ވަނީ ބުނެފައެވެ.
މި މުޒާހަރާ ފެށުމަށް ހަމަޖެހިފައިވަނީ މި މަހުގެ 13 ވާ ބުރާސްފަތި ދުވަހުގެ ރޭ 8:30 ގައި ސޯޝަލް ސެންޓަރު ކުރިމަތިންނެވެ. އެމްޑީޕީގެ ހަރަކާތްތަކުގައި އިސްކޮށް އުޅުއްވާ އަންވަރު އިބްރާހިމް ވިދާޅުވީ، މިއީ އާންމުންގެ ކަންބޮޑުވުންތަކުގެ އަޑު އިއްވުމަށް ބާއްވާ ސީދާ މުޒާހަރާއެއް ކަމަށެވެ.
މި މުޒާހަރާ ކުރިއަށް ގެންދިއުމަށް އެމްޑީޕީން ބޭނުންވަނީ ސީދާ މަޖީދީމަގުގައި ކަމަށް ފުލުހުންނާއެކު ބޭއްވި ބައްދަލުވުމުގައި އެ ޕާޓީން ވަނީ ހާމަކޮށްފައެވެ. މަޖީދީމަގު އިޚްތިޔާރުކުރި މައިގަނޑު ސަބަބަކީ ބޭރު މަގުތަކުގައި މުޒާހަރާ ކުރުމުން އާންމު ރައްޔިތުންނަށް އެ އަޑު ނުފޯރާނެތީ، ވީހާވެސް ގިނަ ރައްޔިތުންނަށް ކަންބޮޑުވުންތައް ފޯރުކޮށްދިނުމަށެވެ.
މީގެ ކުރިން މަޖީދީމަގުގައި ބާއްވަން އުޅުނު ތިން މުޒާހަރާއަކަށް ފުލުހުން ހުރަސްއަޅާފައިވީ ނަމަވެސް، މިފަހަރު އެދެވޭ އިޝާރާތެއް ލިބިފައިވާ ކަމަށް އެމްޑީޕީން ބުނެއެވެ. އެންމެ ފުރަތަމަ މި މަހުގެ 12 ވާ ބުދަ ދުވަހުގެ ރެޔަށް ތާވަލުކުރި މި މުޒާހަރާ 13 ވަނަ ދުވަހަށް ފަސްކުރުމަށްފަހު، އެމްޑީޕީން ވަނީ ވީހާވެސް ގިނަ ރައްޔިތުން މި ހަރަކާތުގައި ބައިވެރިވުމަށް އިލްތިމާސްކޮށްފައެވެ.




