އިސްލާމީ ފައިނޭންސިން ނިޒާމަށް ބަދަލުކޮށް، "ދަނޑުވެރި މަންފާ" އެގްރިބިޒްނަސް މެޗިން ގްރާންޓް ޕްރޮގްރާމުގެ ދެވަނަ ބުރާއި "ދަނޑުވެރި ނަފާ" ލޯނު ސްކީމް އެގްރިކަލްޗާ މިނިސްޓްރީން ވަނީ ރަސްމީކޮށް އިފުތިތާހުކޮށްފައެވެ.
މިއީ އެ މިނިސްޓްރީއާއި އިންޓަނޭޝަނަލް ފަންޑް ފޯ އެގްރިކަލްޗަރަލް ޑިވެލޮޕްމަންޓް (އިފާޑް) ގުޅިގެން ހިންގާ މޯލްޑިވްސް އެގްރިބިޒްނަސް ޕްރޮގްރާމް (މެޕު) ގެ ދަށުން ދަނޑުވެރިންނަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހުޅުވާލާފައިވާ 15 މިލިއަން ރުފިޔާގެ މެޗިން ގްރާންޓް ސްކީމެކެވެ. މި ދެ ސްކީމްވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެސްއެމްއީ ޑިޖިޓަލްއާ ގުޅިގެންނެވެ.
މި ޕްރޮގްރާމްތަކުގެ މައިގަނޑު މަގުސަދަކީ ޒުވާނުން ދަނޑުވެރިކަމުގެ ދާއިރާއަށް ހުންނަ ޝައުގުވެރިކަން އިތުރުކޮށް، ރާއްޖޭގެ އިގުތިސާދީ ކުރިއެރުމަށް މަގުފަހިކޮށްދިނުމެވެ. އޭގެ ތެރެއިން "ދަނޑުވެރި މަންފާ" ގްރާންޓް ޚާއްޞަކޮށް އަމާޒުކޮށްފައިވަނީ ތިލަދުންމައްޗާއި ށ. އަތޮޅުގެ ރަށްތަކުގައި ހަރަކާތްތެރިވާ ދަނޑުވެރިންނަށާއި، ދަނޑުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ޖަމިއްޔާތަކުގެ އިތުރުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކަށެވެ. މި ގްރާންޓުގެ ދެވަނަ ބުރުވެސް އަމާޒުކޮށްފައިވަނީ ކްލައިމެޓް ސްމާޓް ޕްރޮޑަކްޝަނަށެވެ. އެއީ ގްރީންހައުސްތައް ބޭނުންކޮށްގެންނާއި ހައިޑްރޮޕޯނިކްސް ފަދަ ޒަމާނީ ވަސީލަތްތައް ގާއިމްކޮށްގެން ދަނޑުވެރިކަން ކުރުމުގެ މަސައްކަތްތަކަށެވެ.
މީގެ އިތުރުން "ދަނޑުވެރި ނަފާ" ލޯނުގެ މައިގަނޑު އަމާޒަކީ ދަނޑުވެރިންނަށް ޒަމާނީ ދަނޑުވެރިކަން ކުރުމަށް ބޭނުންވާ ތަންތަން ގާއިމުކުރުމުގެ ފުރުސަތު ފަހިކޮށްދިނުމެވެ. އެގްރިކަލްޗާ މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި، މި ސްކީމުގެ ދަށުން ވެޓް ޚިދުމަތްތައް ގާއިމުކުރުމާއި ޕެޓް ސަޕްލައިކުރުން ފަދަ ދަނޑުވެރިކަމާ ގުޅުންހުރި އެކި މަސައްކަތްތަކަށްވެސް ފައިސާ ދޫކުރުމަށް ވަނީ ހަމަޖެހިފައެވެ. މި ދެ ސްކީމަށް އެދި ހުށަހެޅުމުގެ ފުރުސަތު މިހާރު ވަނީ އެސްއެމްއީ ޑިޖިޓަލް ޕޯޓަލް މެދުވެރިކޮށް އާންމުކޮށް ހުޅުވާލައިފައެވެ.




