ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އިސްނަގައިގެން ކުރިއަށްގެންދާ "މަދިރިން ރައްކާ" ކެމްޕޭނުގެ ދަށުން، ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އާ ގުޅިގެން ހުޅުމާލޭ "އަމާން" ޓަވަރުތައް ހިމެނޭ ސަރަހައްދުގައި އިއްޔެ ކުރިއަށްގެންދިޔަ ސާފުކުރުމުގެ ބޮޑު ހަރަކާތުގައި 670 ޓަނުގެ ކުނި ނަގައިފިއެވެ.
އެޗްޑީސީން ހާމަކުރި ގޮތުގައި، މި ހަރަކާތަކީ އެ ސަރަހައްދުގައި މަދިރި އާލާވާ ތަންތަން ނައްތާލައި، މަދިރީގެ ޒަރީއާއިން ރައްޔިތުންނަށް ދިމާވެފައިވާ ސިއްހީ ނުރައްކާތަކުން ސަލާމަތްކުރުމަށް ހިންގި ހަރަކާތެކެވެ. އިއްޔެ ހެނދުނު ފެށި މި މަސައްކަތުގެ ދަށުން، އަމާން ދޯދި 11 އިން ފެށިގެން 14 ވަނަ ޓަވަރާ ދެމެދު ހުރި ކުނިތައް އެކި ބާވަތްތަކަށް ވަކިކޮށްގެން ސާފުކޮށްފައިވާއިރު، މި މަސައްކަތުގެ ބާކީ ބައި މިއަދު ފުރިހަމަކުރުމަށް ވަނީ ނިންމާފައެވެ.

މި ހަރަކާތުގައި އެ ސަރަހައްދުގެ ރައްޔިތުންގެ އިތުރުން އެޗްޕީއޭ، ވެމްކޯ، ފުލުހުން އަދި މޯލްޑިވްސް އޯޝަން ޕްލާސްޓިކް އެލަޔަންސްގެ މުވައްޒަފުން އަމަލީގޮތުން ބައިވެރިވެފައިވެއެވެ.
ސާފުކުރުމުގެ މި ހަރަކާތް އެއްކޮށް ނިމުމުން، އެ ސަރަހައްދު ހިތްގައިމު "ގްރީން ޒޯނަކަށް" ބަދަލުކުރުމަށް ވަނީ ނިންމާފައެވެ. އެގޮތުން ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއް ބިނާކުރުމަށްޓަކައި ޖޯލިފަތިތަކާއި ބައްތިތައް އެ ސަރަހައްދުގައި ހަރުކުރުމަށް ވަނީ ހަމަޖެހިފައެވެ. މީގެ ކުރިންވެސް އެފްޑީސީން ވަނީ "ފަހި ސާފުވެށި" ކެމްޕޭނުގެ ދަށުން އެ ސަރަހައްދު ސާފުކުރުމުގެ ގިނަ ހަރަކާތްތަކެއް ހިންގާފައެވެ.
އެގޮތުން އޮކްޓޫބަރު 2025 އިން މާރިޗު 2026 އަށް ހިންގި ހަރަކާތުގައި 3,178 ޓަނުގެ ކުނި އަދި މެއި އިން ޖޫން އަށް ކުރިއަށްދިޔަ ޕްރޮގްރާމްގައި 1,862 ޓަނުގެ ކުނި ހިމެނޭހެން، މިހާތަނަށް ޖުމްލަ 5,040 ޓަނުގެ ކުނި (ގާތްގަނޑަކަށް 670,320 ކޮތަޅުގެ ކުނި) ވަނީ އުކާލެވިފައެވެ. މި ސާފުކުރުމުގެ މަސައްކަތްތަކަށް އެފްޑީސީގެ ބަޖެޓުން ޖުމްލަ 13.48 މިލިއަން ރުފިޔާ ހޭދަކޮށްފައިވެއެވެ. އެޗްޑީސީގެ މައިގަނޑު އަމާޒަކީ އެންމެން ގުޅިގެން ހުޅުމާލެއަކީ މަދިރިން ރައްކާތެރިވެފައިވާ، ސާފުތާހިރު އަދި ދިރިއުޅެން ހިތްފަސޭހަ މުޖުތަމައުއަކަށް ހެދުމެވެ.



